ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ގަވާއިދާ ހިލާފަށް ކުރެއްވި އެއްވެސް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، ޕީޕީއެމްއަށް އަލަށް ގުޅުނު މެންބަރުންތަކެއްގެ ފޯމުތައް ހަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސީލުކުރާ މެންބަރުން ތިއްބެވި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ބުނެ ވަކިކުރަން މަސައްކަތް ކުރުމުން ދޭހަވަނީ ގައުމީ ހިދުމަތް ނޫން ކަމަށާއި އެއީ "ޒާތީ ކަންކަމާއި ހަސަދަވެރިކަން" ކަމަށެވެ.

"ހިތް ދަތިކަމާއި ހިތް ބުރަކަމާ ހުރެ މި ވާހަކަ ދައްކަނީ. އަޅުގަނޑު ވެސް ބަހުސް އަޑުއެހިން. އެހެންނަމަވެސް އަޅުގަނޑަކަށް ނުފެނުނު ރައްޔިތުންގެ މަޖިލީހުގެ ރައީސް ގަވާއިދާ ހިލާފަށް ކުރައްވާފައި އޮތް އެއްވެސް ކަމެއް. ބައިވެރި ނުވާ މީހުން ގިނައީ. މައްސަލަ ހުށަހެޅުއްވި ބޭފުޅަކު އެވާހަކަ ދެއްކެވޭތޯ ބެއްލެވި. މަޖިލީހުގެ ރައީސް ސާބިތުކަމާ އެކު ޖަވާބުދާރީވި،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް ނެގި ވޯޓުގައި އިދިކޮޅުން ގިނައީ ވެސް ބައިވެރިނުވާ މީހުން ކަމަށެވެ. އަދި މައްސަލަ ހުށަހެޅުއްވި ބޭފުޅަކު އެވާހަކަ ދެއްކެވޭތޯ ބެއްލެވި ކަމަށާއި މަޖިލީހުގެ ރައީސް ސާބިތުކަމާ އެކު އިދިކޮޅު ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ވެސް ދެއްވި ކަމަށެވެ.

"އަދި އޭނާ ދެއްކެވި ވާހަކަ ހިސާބު އަކުރުން ދަލީލު ދައްކަވަމުން ގެންދެވި. އެހެންވީމާ ކިހިނެއް މިވަނީ. މިއީ ގައުމީ ހިދުމަތެއް ނޫން، މިއީ ޒާތީ ކަންކަމާއި ހަސަދަވެރިކަން ނޫން އެހެން ކަންކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ދުވަހު ޖަލްސާގައި ކަންތައްތައް ވެގެންދިޔަގޮތް ފެނިވަޑައިގަތް ކަމަށާއި އިހުތިރާމް ކުރެވޭ ފަރާތްތައް ވެސް އިދިކޮޅު ފަރާތްތަކާ އެކު ނުކުމެ އެކަމުގައި ބައިވެރިވުމަކީ ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވި ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ އެ ފަރާތްތަކަށް ކާމިޔާބެއް ނުވި އެވެ. ރޯލް ކޯލްކޮށް ނެގި ވޯޓުގައި މަސީހުގެ އިތުބާރު އޮތް ކަމަށް 48 މެމްބަރަކު ވޯޓު ދެއްވި އެވެ.