05 Apr 2017, 00:01
ރާއްޖޭގައި ހިނގާ ކަމެއް އިސްލާހުކުރަން އިދިކޮޅު ފަރާތްތަކުން ނުވަތަ އިދިކޮޅު ލީޑަރުން ވާހަކަ ދައްކާ އަޑު ނީވޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޕީޕީއެމްއަށް އަލަށް ގުޅުނު ފަރާތްތަކެއްގެ ފޯމުތައް ހަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ގުޅިގެން ކަމެއް އިސްލާހުކުރަން މަސައްކަތެއް ކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއަދު އަޑުއިވިގެން މިދަނީ ރާއްޖެ އިސްލާހުކުރުމަށްޓަކައި ނުވަތަ ރާއްޖޭގެ ކަންކަން ރަނގަޅުކުރުމަށްޓަކައި އިދިކޮޅުގަ ތިބި ބަޔަކު ގުޅިގެން މަސައްކަތްތަކެއް ކުރާ މަންޒަރު. ހުރިހާ އެންމެންވެސް ރާއްޖެ އިސްލާހުކުރަން މަސައްކަތްކުރަން ވާނެ. އެކަމަކު ފެއްސާ ރަތާ ހުދުގެ އެންމެ ލަފްޒެއްވެސް އިސްލާހުގެ މާނައިގައި އައްސަވައިފިންތޯ. ނީވޭ. އިސްލާހުކުރުން މިބޭފުޅުން ދައްކަވާ ވާހަކައިގެ ހަމަ އެއްމެ ލަފްޒެއްވެސް އަޅުގަނޑަކަށް އަދި އަޑެއްނީވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އިސްލާހު ގެންނަންވީ ދާއިރާއެއް ނުވަތަ އިސްލާހު ނުވެއޮތް ދާއިރާއެއްގެ ވާހަކަ ވެސް އިދިކޮޅު ފަރާތްތަކުން ދައްކާއަޑެއް އަދި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ތަމްސީލުކުރާ ގިނަ މެންބަރުންތަކެއް ތިބި މަޖިލީހުން ވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ގައުމީ ކަމެއް އިސްލާހުކުރަން ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުން ވެސް ފެނިގެންދަނީ އެމަނިކުފާނު ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން އަންނަ މަސައްކަތްތަކަށް ހުރަސް އަޅާތަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅުން އެންމެ ފަހުންވެސް ފެނިގެން މި ދިޔައީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅިތަން. އެންމެ ފަހަރަކުވެސް އިސްލާހުކުރަން ބޭނުންވާ ކަމެއްގެ މައްސަލަ ހުށަހެޅިއްޔާ ކީއްތޯ. ތަރައްގީގެ ކަންކަމަށް ހުށަހަޅާ ބަޖެޓަށް، އިސްލާހަށް މަސައްކަތްކުރާ މީހުން [އިދިކޮޅު ފަރާތްތައް] ގެ ވޯޓުތައް ހުރީ ކިހިނެއްތޯ. ރަސްގެ. އެއްބަޔަކު ބައިވެރިވެސް ނުވޭ [ވޯޓުގައި]" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިއަދު ގާނޫނު އަސާސީއާ އެއްގޮތަށް މުއައްސަސާތައް ހިންގައި ގާނޫނީ ހުކޫމަތު މި ރައްޖޭގައި ހިނގާތީ އެ ކަންކަމަށް ފާޑުކިޔާ ކަމަށެވެ. ކޯޓަކުން މައްސަލައެއް ވަކިގޮތަކަށް ނިންމިޔަސް އެއީވެސް އެމަނިކުފާނު ކުރައްވާކަމެއް ކަމަށްބުނެ ތުހުމަތުގެ އިނގިލި ދިއްކުރާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ކޯޓުތަކުގައި އެއްވެސް ކަމެއް އެމަނިކުފާނު ބޭނުންވާގޮތަކަށް ނިމި، ގާނޫނާ ހިލާފުވެގެން ނުދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޯޓަކުން މައްސަލަ ނިންމިޔަސް އަދި ނިމިގެންގޮސް ސުޕްރީމް ކޯޓުން މައްސަލަ ނިންމިޔަސް ރައީސް ޔާމީން ކުރާކަމެއް. ނޫން. ރައީސް ޔާމީނަކީ ކޯޓުތަކުގައި ހިނގާ ކަންކަމާ ބެހޭނެ މީހެއް ނޫން. ރައީސް ޔާމީން ބެހެނީ ހަމައެކަނި ކޯޓުތަކުގައި މައްސަލަތައް ހަރުލައި ގިނަދުވަސް ވާކަމުގައި ވަންޏާ އެކަން އަވަސްކުރަން އަޅުގަނޑު އިލްތިމާސްކުރަން. އެކަން އަޅުގަނޑު ކުރަން، އެކަމަކު މައްސަލައެއް ވަކި ގޮތަކަށް ނިންމައި މަސްދަރު އަނބުރާލާކަށް އަޅުގަނޑު ދުވަހަކުވެސް މަސައްކަތެއް ނުކުރަން،" އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރައްވާނަމަ އެމަނިކުފާނާ ގުޅިގެން، ސަރުކާރާ ގުޅިގެން މަސައްކަތްކުރައްވަން އެދިލައްވާ ކަމަށެވެ.