މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ޗައިނާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 65000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ޗައިނާގެ ނިއުސް އެޖޭންސީ ޒިންހުއާ އިން ބުނެފި އެވެ.

އެ ނޫސް އެޖެންސީ އިން ބުނި ގޮތުގައި މިއީ މިދިޔަ އަހަރު ޗައިނާ އިން ރާއްޖެ އައި ޓޫރިސްޓުންގެ ނިސްބަތަށް ވުރެ 56.7 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖޭގެ ޓޫރިޒަމް އޮތޯރިޓީއާ ހަވާލާދީ ޒިންހުއާ އިން ބުނި ގޮތުގައި މި އަހަރުގެ ޖަނުއަރީ މަހުން މެއި މަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ ނިސްބަތުން 16.6 ޕަސެންޓް ހިއްސާ ކުރަނީ ޗައިނާގެ ރައްޔިތުން ނެވެ.
ޗައިނާ އަށް ފަހު، އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު، ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިޓަލީ ވިލާތުން ކަމަށާއި އެ ގައުމުން އެ މުއްދަތުގައި 47،900 ޓޫރިސްޓުން އައިސްފައިވާ ކަމަށް ވެސް އެ އެޖެންސީ އިން ބުންޏެވެ.

ޔޫރަޕްގައި މަޝްހޫރުކަން ހޯދާފައިވާ ރާއްޖޭގެ ޓޫރިޒަމް، ހަލުއިކަމާ އެކު ޗައިނާގައި ފުޅާވަމުން އަންނަ ކަމަށް އެ އެޖެންސީ އިން ބުނެފައިވެ އެވެ. އަދި މިދިޔަ އަހަރު އެ ގައުމުން 120،000 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ.
ޗައިނާގެ ޓޫރިސްޓުން ރާއްޖެ އައުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ޗައިނާގެ އިގްސާދު ކަމަށާއި އެކަމުގެ ސަބަބުން ޗައިނާގެ ގިނަ ރައްޔިތުނަށް ބޭރުގެ ގިނަ ޤައުމުތަކުގައި ޗުއްޓީ ހޭދަ ކުރުމުގެ މަގުތަނަވަސް ވެގެން ގޮސްފައިވާ ކަމަށް ރާއްޖޭގެ ޓޫއަރިޒަމް އޮތޯރިޓީން ބުނާ ކަމަށް ވެސް ޒިންހުއާ ނިއުސް އެޖެންސީ އިން ބުންޏެވެ.

މި އަހަރު މެއި މަހު ޗައިނާގެ ޒެންހުއާ ނޫހަށް ދެއްވި އިންޓަވިއު އެއްގައި ޓުއަރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ ވިދާޅުވި ކަމަށް އެ ނޫސް އެޖެންސީ އިން ބުނީ ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މި އަހަރު އާ އުސްމިން ތަކަކަށް އަރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.