04 Apr 2017, 22:10
ކުޅުނު ދެ މެޗުންވެސް މޮޅުވެ، މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރ. އަތޮޅު ބުރުގެ ފައިނަލަށް މީދޫ ދަތުރުކޮށްފިއެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ރ. އަތޮޅު ބުރުގައި، އަތޮޅުގެ ވެރިކަން ކުރާ ރަށް އުނގޫފާރު ބޯޅަދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު މީދޫ ކާމިޔާބުކުރީ ހުޅުދުއްފާރާ ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ.
މީދޫން ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި 3-0ގެ ނަތީޖާއަކުން އަލިފުށި ބަލިކޮށްފައެވެ.
މިއަދުގެ މެޗަށް ބަލާއިރު މެޗުގައި މީދުއަށް ކާމިޔާބުކޮށްދިން ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މީގެ ކުރީން އަލިފުށި ކޮޅަށް ވެސް ގޯލް ޖަހައިދީފައިވާ، ނައިޖީރިޔާ ފޯވާޑު އިކެޗެކުވޫއެވެ. ދެވަނަ ލަނޑު ޖަހައިދިނީ ނާޖިހު މުހައްމަދެވެ.
ރ. އަތޮޅު ބުރު ދެބަޔަކަށް ބަހާލާފައިވާއިރު އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ގޮތުގައި ގުރޫޕް ދޭއްގެ މީދޫ ފައިނަލަށް ދަތުރުކުރުމުން ހުޅުދުއްފާރާއި އަލިފުށި ވަނީ މުބާރާތުން ކަޓައިފައެވެ. މި ދެޓީމު މުބާރާތުން ކެޓި ނަމަވެސް މި ދެޓީމު ބައްދަލު ކުރާ މެޗު އަންނަ ހުކުރު ދުވަހު އޮންނާނެއެވެ.
މީދުއާ ދެކޮޅަށް ފައިނަލުގައި ކުޅޭނެ ޓީމެއް އެނގޭނީ އުނގޫފާރާ އިންނަމާދޫ މާދަމާ ކުޅޭ މެޗަށް ފަހުގައެވެ.