މެޗުގެ ފަހުވަގުތު ޖެހި ލަނޑާއެކު އިންޑިއާގެ ބެންގަލޫރު އެފްސީން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ހިތްދަތިކޮށްލައިފިއެވެ.

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ މައްޗަށް ބެންގަލޫރުން ކުރިހޯދީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗު ކުޅުނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އެ ނަތީޖާއާއެކު 'ގްރޫޕް އީ'ގެ އެއްވަނައިގައި ބެންގަލޫރު އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. މާޒިޔާއަށް ކުޅުނު ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ 17 ވަނަ މިނެޓުގައި ބެންގަލޫރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބެންގަލޫރުގެ އުދަންތާ ސިންގް ފޮނުވާލި ހަމަލާ، މާޒިޔާގެ ކީޕަރު ޕަވެލް މަޓިއާޝް ވަނީ މަތަކޮށްފައެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ވެސް ބެންގަލޫރަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ހުއާން އެންޓޯނިއޯ ފޮނުވާލި ބާރު ހަމަލާ ދިޔައީ، ގޯލުގެ ހުރަސް ދަނޑީގެ ކުޑަތަންކޮޅެއް މަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ މާޒިޔާއަށެވެ. މެޗުގެ 27 ވަނަ މިނެޓުގައި މާޒިޔާގެ ހާފްތެރޭން މާޒިޔާގެ ކުޅުންތެރިޔަކު ބެންގަލޫރު ޕެނަލްޓީ އޭރިޔާގެ ކުރިމައްޗަށް ވައްޓާލި ބޯޅަ، ބޭކާރުވެގެންދިޔައީ މުހައްމަދު އުމައިރުއަށް އެ ބޯޅަ ކޮންޓްރޯލް ނުކުރެވިގެންނެވެ. އުމައިރު އެބޯޅައަށް މަސައްކަތްކުރިއިރު ބެންގަލޫރުގެ ޑިފެންޑަރެއްގެ އުނދަގުލާ ކުރިމަތިލާން ޖެހިފައެއް ނުވެއެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ވެސް މާޒިޔާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބެންގަލޫރު ޕެނަލްޓީ އޭރިޔާ ބޭރުން އަހްމަދު އިމާޒް (އާއްކޮ)އަށް ލިބުނު ބޯޅަ ވަރަށް ރީތިކޮށް ކޮންޓްރޯލްކޮށްލާފައި، ވަރަށް ބާރަށް ފޮނުވާލި ހަމަލާ ބެންގަލޫރުގެ ގޯލްކީޕަރު އަމްރިންދަރު ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ކުރީކޮޅުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ދެވަނަ ހާފުގައި ލަނޑުޖަހާނެ އެންމެ ފުރަތަމަ ފުރުސަތު ލިބިގެންދިޔައީ މާޒިޔާއަށެވެ. ބެންގަލޫރުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަސަދުﷲ އަބްދުﷲ (އަސައްކޮ) ފޮނުވާލި ހަމަލާ، ކީޕަރު މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން އުމައިރު ފޮނުވާލި ހަމަލާ ބެންގަލޫރުގެ ދެ ޑިފެންޑަރެއް ވެގެން ވަނީ ދިފާއުކޮށްފައެވެ.

މެޗުގައި ބެންގަލޫރުން ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ އެންމެ ފަހު މިނެޓުގެ ތެރޭގައެވެ. މަރްޔާން ޔުގޮވިޗް ދިން ބޯޅައަކުން ބެންގަލޫރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޖޯން ޖޯންސަންއެވެ.