04 Apr 2017, 16:48
ބަންގްލަދޭޝްގައި މިދިޔަ ހަފްތާގައި މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފް ތައުލީމު ހާސިލުކުރަމުން ދިޔަ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖަށް ދިވެހި ފުލުހުން މިއަދު ޒިޔާރަތް ކޮށްފި އެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ ކޮލެޖުގެ ހޮސްޓެލްގައި މަރުވެފައި ހުއްޓާ ފެނުނު ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ގޮތް ބެލުމަށްޓަކައި ދިވެހި ފުލުހުންގެ ދެ ބޭފުޅަކު ވަނީ ބަންގްލަދޭޝްގެ ރާޖްޝާހީއަށް ގޮސްފައެވެ. އެއީ ޗީފް ސުޕަރިންޓެންޑެންޓް މުހައްމަދު ރިޔާޒާއި ޗީފް އިންސްޕެކްޓަރ އަހްމަދު އަލީއެވެ.
ރާޖްޝަހީ މެޓްރޮޕޮލިޓަން ޕޮލިސްގެ ޑިޓެކްޓިވް ބްރާންޗް (ޑީބީ)ގެ އެސިސްޓަންޓް ކޮމިޝަނަރ އަަލަމީން ހުސައިން "ސަން"އަށް މިއަދު ވިދާޅުވި ގޮތުގައި، ރާއްޖެއިން އައި ދެ ފުލުހުންނާ އެކު، ރާޖްޝާހީގެ ފުލުހުން މިއަދު މެންދުރު ވަނީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖަށް ޒިޔާރަތް ކޮށްފައެވެ.
އޭސީޕީ އަލާމީން ހުސައިން ވިދާޅުވީ ރައުދާގެ މަރުގެ މައްސަލަ ޑިޓެކްޓިވް ބްރާންޗުން ތަހުގީގު ކުރަމުން ގެންދާ އިރު، ތަހުގީގު ކުރިޔަށްދާ ގޮތުގެ މައުލޫމާތު ދިވެހި ފުލުހުން މިއަދު ހޯދި ކަމަށެވެ.
"ރާޖްޝާހީ ޕޮލިސްއިން މި މައްސަލައިގެ ތެރޭގައި ހިމެނޭ އެވިޑެންސް ހޯދި ގޮތްތަކުގެ މައުލޫމާތު މިއަދު ހޯދި،" ރާޖްޝާހީ ޕޮލިސް ޑީބީގެ އޭސީޕީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދު ދިވެހި ފުލުހުންނާ އެކު ކުރި ޒިޔާރަތުގައި، ކޮލެޖުގައި އުޅޭ ދަރިވަރުންނާއި ރައުދާގެ ރަހުމަތްތެރިންނާއި އެހެނިހެން މީހުންނާ ފުލުހުން ވަނީ ވާހަކަ ދައްކައިފައެވެ. އަދި އެ ކޮލެޖުގައި އުޅޭ ދިވެހި ދަރިވަރުންނާ ވެސް ވާހަކަ ދެއްކި ކަމަށް އޭސީޕީ އަލާމީން ވިދާޅުވިއެވެ.
ރައުދާއާ އެކު ކޮލެޖުގައި އެންމެ ގާތްކޮށް އުޅުނީ ކަޝްމީރަށް ނިސްބަތްވާ ދަރިވަރު ސީރަތު ޕަރުވީން މުހައްމަދެވެ. ސީރަތުއަކީ ރައުދާގެ މަރުގެ މައްސަލައިގައި، އޭނާގެ އާއިލާއިން އެންމެ ބޮޑަށް ތުހުމަތުކުރާ ފަރާތެވެ. ރައުދާގެ އާއިލާގެ އެދުމުގެ މަތިން ރާޖްޝަހީގެ ފުލުހުން ވަނީ އެ ފޯނުގައިވާ ކޮންޓެންޓްތައް ދިރާސާ ކުރަމުންނެވެ.