ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަމުން ހުސެން އަލީ އިސްތިއުފާ ދިނީ އޭނާ ވަޒީފާ އަދާކުރަމުން އަންނަ އެމްއެންޑީއެފް އިން އެއް އަހަރު ދުވަހުގެ ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރަން ޖެހުމުން ކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް ވިދާޅުވީ، ޓީމުގެ މެނޭޖަރުކަމުން އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް ހުސެއިން އަލީ އިސްތިއުފާ ދީފައި ވާއިރު، އޭނާއަކީ ވޭތުވެދިޔަ ދުވަސްތަކުގައި އެންމެ ރަނގަޅަށް މެނޭޖަރުގެ ޒިންމާ ޓީމުގައި ބަލަމުން އައި އެއްފަރާތް ކަމަށެވެ.

"އަޅުގަނޑު ހުސެން އަލީއަށް ޝުކުރު އަދާކުރަން. އެބޭފުޅާ ޓީމުގެ މެނޭޖަރުގެ މަޤާމް ބެއްލެވީ ވަރަށް ފުރިހަމަ ކަމާއެކު،" އާޒިމް ވިދާޅުވި އެވެ.

ހުސެން އަލީ ޓީމްގެ މެނޭޖަރުގެ މަޤާމުން އިސްތިއުފާ ދިނުމުން އަދި އެމަޤާމަށް ބޭފުޅަކު އައްޔަނު ނުކުރާ ކަމަށާއި އެހެންނަމަވެސް މާދަމާ އެފްއޭއެމްގެ އިސް ވެރިންގެ މެދުގައި އޮންނަ މީޓިންނަށްފަހު އެ މަޤާމަށް ބޭފުޅަކު އައްޔަނުކުރުން އޮންނާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"މިވަގުތު ޓީމްގެ މެނޭޖަރަކު ނެތަސް މެނޭޖަރެއްގެ ޒިންމާ އެކްސްކޯ މެންބަރު އަހުމަދު މުހައްމަދު (ދޮނާ) ދަނީ ނަގަމުން. އެގޮތުން މިމަހުގެ 10 ވަނަ ދުވަހު ރާއްޖެއާއި އިންޑިޔާ ކުޅޭ ރަހުމަތެރި ކަމުގެ ފުޓްބޯޅަ މެޗްގެ ކަންތައްތައް ވެސް ދޮނާ ދަނީ ބަލަމުން. މާދަމާގެ ވަގުތެއްގައި މެނޭޖަރަކު ހަމަޖައްސާނަން،" އާޒިމް ވިދާޅުވިއެވެ.

ޤައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުގެ އިތުރުން ހުސެން އަލީއަކީ ސިފައިންގެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އެވެ. އަދި ސިފައިންގެ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ކޮށްފައިވާ ބޭފުޅެކެވެ.

ދިވެހި ޤައުމީ ޓީމްގެ މެނޭޖަރުކަމާ ހުސެއިން އަލީ ހަވާލުވީ މި އަހަރުގެ ފެބްރުއަރީ ތިން ވަނަ ދުވަހު އެވެ.