05 Apr 2017, 00:21
އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކުރާ ކޮމެޑީ ފިލްމު، "ނޯޓީ 40"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފިއެވެ.
ފިލްމުގެ ފުރަތަމަ ދައްކާލުން ދެއްކުމަށް އަންގާރަ ދުވަހުގެ ރޭ ސަލްސާ ރޯޔަލް ރެސްޓޯރެންޓްގައި ބޭއްވި ހަފްލާގައި ފިލްމުގެ ބައެއް ޕާޓްނަރުންނާއެކު ވަނީ ސޮއިކޮށްފައެވެ.
އެގޮތުން ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައި، އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ނޯޓީ 40 ގެ ޓީޒާއިން މަންޒަރެއް ---
އެއްބަސްވުމުގައި "ނޯޓީ 40" ޓީމުގެ ފަރާތުން ސޮއިކުރީ ފިލްމުގެ ޕްރޮޑިއުސަރު ނިއުމާ މުހައްމަދެވެ. ސަން އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ ސަން މީޑިއާ ގްރޫޕްގެ މާކެޓިން މެނޭޖަރު އަލީ އަމީރެވެ.
އޭގެ އިތުރުން، ފިލްމު "ނޯޓީ 40"ގެ ކޮސްޓިއުމް ޕާޓަނަރަކަށް ލަވް ސްޓައިލް ހަމަޖެއްސިއިރު، ޓީވީ ޕާޓްނަރަކަށް ހަމަޖެއްސީ ވީ މީޑިއާއެވެ. އަދި ފިލްމުގެ ފިޓްނަސް ޕާޓްނަރަކަށް އެކްސްޓީމް ފިޓްނަސް ގްރޫޕް ހަމަޖެއްސި އިރު، ކޭޓަރިން ޕާޓްނަރަކަށް ހަަމަޖެއްސީ ސަލްސާ ރޯޔަލްއެވެ.
ނޯޓީ 40 ފުރަތަމަ ދައްކާލުން ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ނޯޓީ40ގެ ޓީމު---ސަން ފޮޓޯ/ ފަޔާޒު މޫސާ
ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގު ޕްރޮޑިއުސްކުރާ އެ ފިލްމު ޕްރޮމޯޓް ކުރަނީ އަހަރުގައި ނެރޭނެ އެންމެ ވަރުގަދަ ފިލްމުގެ ގޮތުގައެވެ. ޒުވާން، ބޮޑު ކާސްޓެއް ހިމެނޭ އެ ފިލްމުގައި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ތަރިންނާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފުވާ ތަރިންވެސް ހިމެނެއެވެ.
އޭގެ ތެރޭގައި، ނިއުމާ، ޔޫއްޕެ، އަހުމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަންގެ އިތުރުން މިހާރު ފިލްމީ ދާއިރާގައި އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ތަރިއެއް މަރިޔަމް އައްޒައާއި، ފާތިމަތު އާޒިފާ (އަޒޫ) އަދި އިބްރާހީމް ޖިހާދު (ޖިމީ) ފަދަ ތަރިން ފާހަގަކޮށްލެވެއެވެ.

ނޯޓީ 40 ގެ ޓީޒާއިން މަންޒަރެއް ---
މީގެ އިތުރުން، ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ ލިއާއު އާދަމް (އެލްޖޭ)، އަރުޝަމް، އަހްމަދު ޝަރީފް، އަދި ގުލިސްތާންގެ އިތުރުން ގިނަ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ އަލީ ޝާހިދު (ސްޓެޕް އައްޔަ)އާއި، އަލީ އާޒިމް (ދޮން އައްޔަ)، އުމަރު އަޝްފާގް، މުހައްމަދު ރިޝްފާން ހިމެނެއެވެ.
ފިލްމުގެ ފަސްޓް ލުކް-----
އަދި މިދިޔަ މަހު ރިލީޒްކުރި "މަލިކާ"ގެ ލީޑު ރޯލު ކުޅެފައިވާ ޒުވާން ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ)އާއި މީގެ ކުރިން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމު "ވާށޭ މަށާ އެކީ"އިން ފެނިގެން ދިޔަ ބޭރުގެ ތަރިއެއް ކަމަށްވާ މާރިއާ ތެރީސާވެސް ފެނިގެންދާނެއެވެ.

ނޯޓީ 40 ގެ ޓީޒާއިން މަންޒަރެއް ---
ށ. މިލަންދޫގައި ފިލްމުގެ ބޮޑު ބައި ޝޫޓްކޮށް ނިމިފައިވާ އިރު، މާލޭގެ މަންޒަރުތަކަށް ހުރިހާ ކާސްޓުން ދަނީ ތައްޔާރުވަމުންނެވެ. "ނޯޓީ 40" ގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އޯގަސްޓު މަހުގެ ދެވަނަ ދުވަހުއެވެ.