އުރީދޫ މޯލްޑިވްސްގެ ސީއީއޯ ކަމަށް އާ ބޭފުޅަކު ހަމަޖައްސައި، ސީއީއޯގެ މަގާމުގައި ހުންނެވި ވިކްރަމް ސިންހަ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ކަމަށް ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯގެ މަގާމަށް މިއަދު އައްޔަނުކޮށްފައިވަނީ، މުވާސަލާތީ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިންޑިއާގެ ނަޖީބު ޚާނެވެ. ނަޖީބު ޚާނަކީ މިދިޔަ ދެ އަހަރު އުރީދޫ ގްރޫޕުގެ ކޮމާޝަލް ޑިވިޝަންގެ ބިޒްނަސް ސާވިސް ޓީމުގެ އިސްވެރިއެއްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އުރީދޫގައި މަސައްކަތް ކުރެއްވުމުގެ ކުރިން ނަޖީބު ވަނީ އިންޑިއާގެ އެއާޓެލް ކުންފުނީގެ ހޯމް އެންޑް އޮފީސް ބިޒްނެސްގެ ސީއީއޯގެ މަގާމު އަދާކުރައްވައިފައެވެ.

އެ ބަދަލާ އެކު، އުރީދޫގެ ސީއީއޯގެ ގޮތުގައި ހުންނެވި ވިކްރަމް ސިންހަ ވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުކަމަށް ބަދަލުކޮށްފައެވެ.

އުރީދޫ މޯލްޑިވްސްގެ ކުރީގެ ސީއީއޯ، އަދި މިހާރުގެ މެނޭޖިންގް ޑިރެކްޓަރު ވިކްރަމް ސިންހަ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެނޭޖިންގް ޑިރެކްޓަރު ވިކްރަމް ވިދާޅުވީ، އުރީދޫގެ އާ ސީއީއޯއަށް މަރުހަބާ ވިދާޅުވާ ކަމަށާއި، އޭނާއަށް ލިބިފައިވާ ތަޖުރިބާއާ އެކު އުރީދޫ މޯލްޑިވްސް އާ އިތުރު ހަރުފަތްތަކަށް ގެންގޮސްދޭނެކަން ޔަގީންކުރައްވާ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗެއާމަން ޚާލިދު އަލް މަހްމޫދު ވަނީ، ސީއީއޯ ކަމުގައި ހުންނަވައި އުރީދޫގެ އެމްޑީ ވިކްރަމް ސިންހަ ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވައި، ވިކްރަމްގެ އާ މަގާމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޗެއާމަން ވަނީ ކުންފުނީގެ އާ ސީއީއޯ ނަޖީބު ޚާނަށްވެސް މަރުހަބާ ވިދާޅުވެފަ އެވެ.