ލަންޑަން (އޭޕްރިލް 4): ސީރިއާގެ އިދުލިބް ޕްރޮވިންސަށް ކެމިކަލް ހަމަލާއެއްދީ 58 މީހަކު މަރާލައިފި ކަމަށް ސީރިއާ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.

އެއޮބްޒަވޭޓަރީން ބުނި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ އިދުލިބަށް އެހަމަލާ ދިން ކަމަށް ބެލެވެނީ ސީރިއާ ސަރުކާރުން ނުވަތަ ރަޝީއާގެ ޖެޓުންނެވެ. އަދި އެ ހަމަލާގައި އަނިޔާވި މީހުންނަށް ފަރުވާ ދެމުން ދިޔަ ކްލިނިކަށް ވެސް ފަހުން ރޮކެޓް ހަމަލާދިން ކަމަށް ސައްހަކަން ޔަގީން ނުވާ ބައެއް ރިޕޯޓުތަކުގައިވެ އެވެ.

ސީރިއަން އޮބްޒަވޭޓަރީން ބުނި ގޮތުގައި އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި 11 ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި މަރުވުމުގެ ކުރިން އެ މީހުން ކެއްސައި، ހޭނެތި، އަނގައިން ފޮނު އެރި ކަމަށް ސީރިއާގައި ސިއްހީ ހިދުމަތް ދެމުންދާ ފަރާތްތަކުން ބުނި ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ.

އެ ހަމަލާއަކީ ކެމިކަލް ހަމަލާއެއްކަން ޔަގީންވެއްޖެ ނަމަ އެވާނީ މީގެ ހަ އަހަރު ކުރިން ސީރިއާ ހަނގުރާމަ ފެށުނު ފަހުން، އެ ގައުުގައި ދިން އެންމެ ވަރުގަދަ ކެމިކަލް ހަމަލާއަށެވެ.

ސީރިއާ ސަރުކާރުން ވަނީ އެ ގައުމުގެ އަސްކަރިއްޔާއިން ކެމިކަލް ހަތިޔާރު ބޭނުން ކުރި ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. (ބީބީސީ)