ހައިކޯޓަށް ފަނޑިޔާރުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

މިއީ ހައިކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކުރާ ތިން ވަނަ ފަހަރެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ ކޮމިޝަނަށް ހުށަހެޅުމަށް ޖޭއެސްސީން ކުރި އިއުލާނުގައިވެ އެވެ.

ހައިކޯޓަށް އިތުރު ދެ ފަނޑިޔާރުން ހޯދަން އިއުލާންކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އައްބާސް ޝަރީފާއި ޑރ. އަޒްމިރާލްދާ ޒާހިރު ރިޓަޔާ ކުރެއްވުމުންނެވެ.

ހައިކޯޓުގައި މިހާރު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. އެއީ އިސް ފަނޑިޔާރު އަބުދުﷲ ދީދީއާއި ފަނޑިޔާރު ޝުޖާއު އުސްމާނާއި އަބުދުލް ޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އަލީ ސަމީރާއި އަބުދުﷲ ހަމީދާއި އަބުދުއް ރައޫފު އިބްރާހީމެވެ.

ޝުޖާއު އާއި ޣަނީއާއި ޝުއައިބު ވަނީ އައްޑޫ ސިޓީގެ މީދޫގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކޮށްފައެވެ.