އިނާމުގެ ގޮތުގައި ބައިނަލްއަގުވާމީ ދަތުރުތަކަކާ އެކު، އެސްޓީއޯ ހޯލްސޭލް ޕްރޮމޯގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ ސުޕަމާޓުގެ ހޯލްސޭލް ސެންޓަރުގައި މިއަދު އޮތް ހަފްލާއެއްގައި އެ ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާނެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ އޭޕްރިލް އެކަކުން ޖުލައި އެއްވަނަ ދުވަހަށެވެ. މި ޕްރޮމޯޝަން ހާއްސަކޮށްފައި ވަނީ އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް، ހޯލްސޭލް ކުރާ 36 ބްރޭންޑަށެވެ. އޭގެ ތެރޭގައި ކުކިންގް އޮއިލް، ސަންފްލާވާ އޮއިލް، ބާސްމަތީ ހަނޑޫ، ގެރިކިރު، ހިކި ކިރު، ޕާސްތާ، ރައިބީނާ ޖޫސް، ކޮފީ އަދި ސައިފަތް ހިމެނެ އެވެ.

އެސްޓީއޯ އިން ބުނާ ގޮތުގައި، މި ޕްރޮމޯޝަނުގެ ދަށުން 1،000 ރުފިޔާ އިން މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭ އިރު، ގުރުއަތުން އެއްވަނަ އިނާމަށް ލިބެނީ ދުބާއީއަށް ދަތުރެކެވެ. ދެވަނަ އިނާމަށް ތައިލެންޑު ދަތުރެއް ލިބޭ އިރު، ތިންވަނަ އިނާމަކަށް ލިބެނީ އިންޑޮނޭޝިއާއަށް ދަތުރުކުރުމުގެ ފުރުސަތެކެވެ. މި ދަތުރުތައް ހަމަޖައްސާފައި ވަނީ ފަސް ދުވަހުގެ ހުރުމާއި، ޕޮކެޓް މަނީއާ އެކުގަ އެވެ.

މީގެ އިތުރުން، އިތުރު 10 ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ވައުޗާއެއް ލިބޭނެ އެވެ.