04 Apr 2017, 14:10
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރާއްޖެ އިން ބޭރަށް ނުދެވޭ ގޮތަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ. ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށެވެ.
އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާސިމް ރިޝްވަތު ދެއްވަން މަސައްްކަތްޕުޅު ކުރެއްވި ކަމުގެ ތުހުމަތުކޮށް، އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފައިވަނިކޮށެވެ.
އެ މައްސަލަ ތަހުގީގުކޮށް، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް، ހުށަހަޅާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާތީ، ޕީޖީ އޮފީހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ޕީޖީގެ އޮފިޝަލަކު ވިދާޅުވީ ގާސިމްގެ މައްޗަށް ދައުވާ ކުރަން އަދި ހުށަހަޅާފައިނުވާ ކަމަށެވެ.
މަޖިލިސް މެމްބަރުންނަށް ގާސިމް ރިޝްވަތު ދެއްވި ކަމަށް ތުހުމަތު ކުރަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ގާސިމް ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާ މެމްބަރުން ދެ ވަނަ ދައުރަކަށް މަޖިލީހަށް ހޮވައި ދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށާއި އެ މެމްބަރުންނަށް "ހުރިހާ ގޮތަކުން ވެސް" އެހީތެރިވެ ދެއްވާނެ ކަމަށެވެ.
"މާދަމާގެ ވޯޓުގައި އަޅުގަނޑުމެނަށް ތާއިދުކޮށް މަސީހު ބޭރުކުރުމަށް ވޯޓު ދޭ މެމްބަރުން އާދެ ފެއްސަށް އޮއްބަވާ މެމްބަރުންނަކީ އިރާދަކުރެއްވިިއްޔާ އެ މެމްބަރަކު މިހާރު ހުރި ޕާޓީއަކުން އަޅުގަނޑުމެން ހަތަރު ލީޑަރުން ވެގެން ޓިކެޓް ދޭނަން އެ ދާއިރާއަކަށް ނިކުމެ ވަޑައިގަތުމަށް. އަޅުގަނޑުމެން އެހީތެރިވެދޭނަން ހުރިހާ ގޮތަކުން ވެސް،" މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ގާސިމް އިބްރާހިމް ވިދާޅުވެފައިވެ އެވެ.