ވޮޝިންޓަން (އޭޕްރިލް 4): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަހަރީ މުސާރައިގެ ބައެއް އެގައުމުގެ ނެޝަނަލް ޕާކު ސާވިސްއަށް ހަދިޔާ ކުރައްވައިފި އެވެ.

އިއްޔެ ވައިޓް ހައުސްގައި އޮތް ބައްދަލުވުމެއްގައި ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ވަނީ ގައުމީ ޕާކުތަކާއި ބިނާތަކާ ބެހޭ ކަންތައްތައް ބަލަހައްޓަވާ އިންޓީރިއާ ސެކްރެޓަރީ ރަޔާން ޒިންކީއާ ޓްރަމްޕްގެ އަހަރީ މުސާރައިގެ ބައެއް ކަމަށްވާ 78،333 ޑޮލަރުގެ ޗެކެއް ހަވާލު ކުރައްވައިފަ އެވެ.

އެ ޑޮނޭޝަނާ ގުޅިގެން ގިނަ ބަޔަކު ރައީސް ޓްރަމްޕަށް ތައުރީފު ކުރި ނަމަވެސް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެފައިސާ ހަދިޔާކޮށްފައި ވަނީ އިންޓީރިއާ މިނިސްޓްރީގެ ބަޖެޓުން އެއް ބިލިއަން ޑޮލަރު މަދު ކުރެއްވުމަށް ފަހުގައި ކަން ފާހަގަކޮށްފަ އެވެ.

ރައީސް ޓްރަމްޕްގެ ބަޖެޓު ޕްރޮޕޯޒަލްގައި ވަނީ ޕާކުތައް ބަލަހައްޓާ އިންޓީރިއާ މިނިސްޓްރީގެ ބަޖެޓު 12 ޕަސެންޓަށް ކުޑަ ކުރަން ހުށަހަޅައިފަ އެވެ.

އެމެރިކާގެ ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް ޓްރަމްޕް ވަނީ ވެރިކަމަށް އިންތިހާބުވެއްޖެ ނަމަ އަހަރީ މުސާރަ އެއްކޮށް ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ ރައީސެއްގެ އަހަރު ދުވަހުގެ މުސާރައަކީ 400،000 ޑޮލަރެވެ. (ބީބީސީ)