Last Updated:
9 year 8 month ago

އޭއެފްސީ ކަޕް- ފުލްޓައިމް: މާޒިޔާ 0-1 ބެންގަލޫރު އެފްސީ

  • ރަސްމީ ބޯޅަދަނޑުން: އަލީ ރިފްޝާން، މުހައްމަދު ސަމާހް، އަހްމަދު މުޖްތަބާ
ބުލޮގު ޚުލާސާ

އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު 4:00ގައި ކުޅޭ އޭއެފްސީ ކަޕް 'ގްރޫޕް އީ'ގެ މެޗަށް ދެޓީމު ނުކުންނައިރު:

  • ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ކުޅުނު އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ބަނގްލަދޭޝް ޗެމްޕިއަން ދާކާ އަބަހާނީގެ މައްޗަށް 2-0 ލަނޑުން ވަނީ ކުރި ހޯދާފައި.

  • އައި-ލީގު ޗެމްޕިއަން އަދި އޭއެފްސީ ކަޕްގެ އެންމެ ފަހުގެ ރަނަރަޕް ބެންގަލޫރު އެފްސީ ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާގެ މޯހަން ބަގާންގެ މައްޗަށް ކުރި ހޯދީ 2-1 ލަނޑުން.
  • މާޒިޔާއާއި ބެންގަލޫރު ވަނީ 2015 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ވާދަކޮށްފައި. އެ ފަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ވެސް ބެންގަލޫރު ކާމިޔާބުކުރީ 2-1 ލަނޑުން. މާޒިޔާ ކޮޅަށް ބެންގަލޫރުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކުރީ އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ.
  • އޭއެފްސީ ކަޕް 2015ގައި ވެސް މާޒިޔާ އަދި ބެންގަލޫރު ހިމެނިފައިވަނީ 'ގްރޫޕް އީ'ގައި. އެ ފަހަރު ދެވަނައިގައި އޮވެ ބެންގަލޫރުން ގްރޫޕް ސްޓޭޖް ނިންމާލިއިރު، މާޒިޔާ އޮތީ ގްރޫޕްގެ ތިންވަނައިގައި.
  • ބެންގަލޫރުގެ ކޯޗަކީ ކުރިން ސްޕެއިންގެ ބާސެލޯނާ އަދި ތުރުކީގެ ގަލަތަސަރާއީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ސްޕެއިންގެ އަލްބާޓް ރޮކާ. މާޒިޔާގެ ކޯޗަކީ މިޔަންމާގެ ކްލަބުތަކަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ މެސެޑޯނިއާގެ ކޯޗު މަރްޔަން ސެކުލޮވްސްކީ.
17:55

މެޗު ނިމިއްޖެ. މާޒިޔާ 0- ބެންގަލޫރު 1

17:54

އެޓީމަށް ލިބުނު ހިލޭ ޖެހުމަކުންމެދު ރޮނގު ކައިރިން ފޮނުވާލި ބޯޅަ، ކީޕަރު އަތުގައި ޖެހިފައި ދިޔަ ވަގުތު ބެންގަލޫރުގެ ޖޯންސަންގެ ފައިގައި ޖެހިފައި މާޒިޔާ ގޯލްތެރެއަށް ވަނީ.

17:54

ބެންގަލޫރުން ލަނޑު ޖަހައިފި.

17:52

ބެންގަލޫރުގެ ކޯޗު ރޮކޯ ބެންޗުން ފޮނުވާލައިފި.

17:51

"+90- މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭން އެޓީމުގެ ކުޅުންތެރިއަކަށް ބެންގަލޫރުގެ ވޮޓްސަން ފައުލުކުރުމުން އޭނާއަށް ރީނދޫ ކާޑެއް.

17:50

"90- ދެވަނަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް.

17:49

މި މެޗުގައި މާޒިޔާގެ ކުޅުންތެރީން ވަރަށް ރަނގަޅަށް ޗެތުރީ މާކްކޮށްގެން ކުޅެމުން މިދަނީ. ޗެތުރީއަށް މި މެޗުގައި ރަނގަޅު އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވޭ.

17:49

"88- މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭން ޗެތުރީއަށް ލިބުނު ބޯޅަ އޭނާއަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި.

17:48

"87- ބެންގަލޫރުގެ ގޯލް އޭރިޔާ ކުރިމައްޗަށް ބޮކުރީ ހުރަސްކޮށްލަދިން ބޯޅައަށް އެރީ އުމޭރު. އެންނަމަވެސް އުމޭރަށް ބޯޅަ ލިބުމުގެ ކުރީން ކީޕަރު އެބޯޅަ މަރަކުރީ.

17:46

މާޒިޔާއަށް ލިބުނު ހިލޭޖެހުމުން ރަކިޗް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތީން ބޭރަށް.

17:45

"85- ބެންގަލޫރުގެ ޕެނަލްޓީ އޭރިޔާ ބޭރުން މާޒިޔާއަށް ހިލޭ ޖެހުމެއް. ބޯޅަ ފޮނުވާލަނީ ރަކިޗް.

17:43

"82- މާޒިޔާއިން ބަދަލެއް. ޔަސްފާދު ހަބީބުގެ ބަދަލުގައި ކުޅެން އެރީ މުހައްމަދު އިރުފާން.

17:41
އޭއެފްސީ ކަޕްގައި މާޒިޔާއާއި ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އޭއެފްސީ ކަޕްގައި މާޒިޔާއާއި ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އޭއެފްސީ ކަޕްގައި މާޒިޔާއާއި ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އޭއެފްސީ ކަޕްގައި މާޒިޔާއާއި ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
17:40

"79- ބެންގަލޫރުން ބަދަލެއް. ސަންދޭޝްގެ ބަދަލުގައި ކުޅެންއެރީ ހަރްމާންޖޯތު ސިންގ ކަބްރާ

17:39

"79- ބެންގަލޫރުގެ ސަންދޭޝަށް ރީނދޫކާޑެއް.

17:38

"78- މާޒިޔާގެ ގޯލް ކުރިމައްޗަށް ބެންގަލޫރު ކުޅުންތެރީން ހުރަސްކޮށްލި ބޯޅަ އެޓީމުގެ ކުޅުންތެރިއަކަށް ނުލިބުނު. ނުރައްކާކޮށްލެވޭ ފަދަ ބޯޅައެއް.

17:33

"73- ބެންގަލޫރަށް ކޯނަރެއް.

17:32

"72- މާޒިޔާއަށް ކޯނަރެއް.

17:30

"70- ބެންގަލޫރުން ބަދަލެއް. ސަލާމް ރަންޖަން ސިންގުގެ ބަދަލުގައި ކުޅެން އެރީ ނިޝޫ ކުމާރު.

17:29

ފުރަތަމަ ހާފްގައި ވެސް ބެންގަލޫރު ކުޅުންތެރިއެއްގެ އަތުގައި އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭން ބޯޅަ ޖެހުނު ނަމަވެސް ރެފްރީ ޕެނަލްޓީ ދީފައެއް ނުވޭ.

17:28

"67- މާޒިޔާގެ ހަމަލާއެއް. އަސަދުﷲ، ބެންގަލޫރު ޕެނަލްޓީ އޭރިޔާ ތެރޭން ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރުމުން ރީބައުންސްވި ބޯޅަ އުމޭރު ބޮލުން ޖަހައި ގޯލަށް ފޮނުވާލީ. އެެހެން ނަމަވެސް އެވަގުތު ބެންގަލޫރު ކުޅުންތެރިއަކު އެ ބޯޅަ ދިފާއުކުރީ. މާޒިޔާ ކުޅުންތެރީން ބުނަނީ އެބޯޅަ ކުޅުންތެރިޔާގެ އަތުގައި ޖެހުނު ކަމަށް.

17:26

"66- ބެންގަލޫރުގެ ހަމަލާއެއް. މާޒިޔާގެ ޕެނަލްޓީ އެރިޔާގެ ބޭރުން ޑެނީލްއަށް ލިބުނު ބޯޅަ އޭނާ ވަރަށް ރީތިކޮށް ކޮންޓްރޯލް ކޮށްފައި ގޯލަށް ފޮނުވާލި ނަމަވެސް، ބޯޅަ ދިޔައީ ބޭރަށް.

17:24

"64- މާޒިޔާގެ ހާފްގެ މެދެއްހާ ހިސާބު ރަކިޗް ބޯޅަ ހޯދުމަށްފަހު، އަސައްކޮށްއަށް ބޯޅަ ފޮނުވާލި އިރު އޭނާ ހުރީ އޮފްސައިޑްގައި. އޮފްސައިޑް ނުވި ނަމަ އެވަގުތު ހުސްކޮށް ހުރި އަސައްކޮއަށް ރަނގަޅު ފުރުސަތަކަށް ވީސް.

17:22

"62- މާޒިޔާއިން ބަދަލެއް. އަނިޔާލިބުނު އާއްކޮގެ ބަދަލުގައި ކުޅެން އެރީ ހުސެން ޒިޔާޒް (ބޮކުރީ)

17:21

"61- މާޒިޔާގެ ކުޅުންތެރިއަކަށް އަނިޔާވެގެން އަށިގަނޑުގައި ދަނޑުން ބާލަނީ. އެއީ އަހްމަދު އިމާޒް.

17:20

"60- ބެންގަލޫރުން ބަދަލެއް. މިޑްފީލްޑަރު ލެނީ ރޮޑްރިގޭސްގެ ބަދަލުގައި ކުޅެން އެރީ، ފޯވާޑް މަރްޔާން ޖުގޯވިޗް.

17:16

"56- މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭން ބެންގަލޫރުގެ ޑެނީލްއަށް ލިބުނު ބޯޅަ އޭނާ ވަރަށް ބާރަށް ފޮނުވާލި. އެހެން ނަމަވެސް އެ ބޯޅަ ގޯޅަށް އަމާޒެއް ނުވި. ގޯލްގެ އަރިމަތިން ބޭރަށް.

17:14

"54- މާޒިޔާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން އަޑުބަރޭ އަތުގައި ބޯޅަ ޖެހުމުން، ބެންގަލޫރަށް ހިލޭ ޖެހުމެއް. ހިލޭ ޖެހުމުން ވޮޓްސަން ފޮނުވާލި ބޯޅަ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ޗެތްރީއަށް ލިބުނު އިރު އޭނާ ހުރީ އޮފްސައިޑްގައި.

17:11

"51- މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ރޮނގުކައިރިން ބެންގަލޫރުގެ ހުއާން އަށް ލިބުނު ބޯޅަ އޭނާއަށް ފޮނުވާލެވުނީ މާ މަތިން ބޭރަށް.

17:08

"47- ބެންގަލޫރުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހަމަލާއެއް އުފެއްދުމަށް ވަރަށް ގިނަ އިރުތަކެއް ވަންދެން ބޯޅަ ގެންގުޅުނު ނަމަވެސް، ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާ ނުލެވި އުޅެނިކޮށް އެޓީމު ކުޅުންތެރިއަކު މިވަނީ މާޒިޔާ ޑިފެންްޑަރަކަށް ފައުލުކޮށްފައި.

17:05

ދެވަނަ ހާފް ފަށައިފި.

17:04

މާޒިޔާއިން ދެވަނަ ހާފަށް މި ނުކުތީ ބަދަލަކާ އެކު. މިލޯސް ކޮވަސެވިޗްގެ ބަދަލުގައި ކުޅެން އެރީ ގާސިމް ސަމާމް.

17:01

ދެވަނަ ހާފް ފެށުމަށްޓަކައި ދެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ދަނޑަށް ނުކުންނަނީ.

16:49

ފުރަތަމަ ހާފް ނިމިއްޖެ. އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.

16:48

"45- ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނިޓް.

16:46

"43- ބެންގަލޫރު ޕެނަލްޓީ އޭރިޔާ ތެރޭން، އެޓީމުގެ ކުޅުންތެރިއަކު ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ބޯޅަ ޖެހިފައި ބޭރަށް ދިޔަކަމަށް މާޒިޔާ ކުޅުންތެރީން ބުނަނީ. އެހެން ނަމަވެސް ރެފްރީ ދެއްކީ އެރީ ކޯނަރެއް ކަމަށް.

16:44

"-41- މާޒިޔާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ދަނޑުގެ އަރިމަތިން ބެންގަލޫރަށް ހިލޭޖެހުމެއް.

16:43

"40- މާޒިޔާގެ ކޯޑޯސްއަށް ބެންގަލޫރު ކުޅުންތެރިއަކު އެޓީމުގެ ހާފްގެ މެދުތެރޭން ކުރި ފައުލަކާ ގުޅިގެން މާޒިޔާއަށް ހިލޭ ޖެހުމެއް. ފޮނުވާލަނީ، ރަކިޗް.

16:42

"38- މާޒިޔާގެ ހަމަލާއެއް. ބެންގަލޫރު ޕެނަލްޓީ އޭރިޔާ ބޭރުން އާއްކޮއަށް ލިބުނު ބޯޅަ ވަރަށް ރީތިކޮށް ކޮންޓްރޯލްކޮށްލާފައި، ވަރަށް ބާރަށް ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

16:38

"34- ބެންގަލޫރުގެ ލިންގްޑޯ މާޒިޔާގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަށް އެޓީމުގެ ކުޅުންތެރިއަކު އެރުމުގެ ކުރީން މާޒިޔާ ކުޅުންތެރީން ބޯޅަ ދިފާއުކޮށްފި.

16:34

"31- މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭން ސުނިލް ޗެތްރީ، ބެންގަލޫރުގެ ޑެނީލްއަށް ޖައްސާލި ބޯޅަ އޭނާއަށް ލިބުމުގެ ކުރީން މާޒިޔާގެ ކީޕަރު މަޓިއަޝް މަތަކުރީ.

16:33

މިހާރު ފުރަތަމަ ހާފްގެ 30 މިނިޓްގެ ކުޅުން ނިމިއްޖެ. އަދިވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.

16:30

"27- މާޒިޔާއަށް ރަނުގެ ފުރުސަތެއް. މާޒިޔާގެ ހާފްތެރޭން އެޓީމުގެ ކުޅުންތެރިއަކު ބެންގަލޫރު ޕެނަލްޓީ އޭރިޔާގެ ކުރިމައްޗަށް ވައްޓާލި ބޯޅައަށް އަރައި ހުރީ މުހައްމަދު އުމޭރު. ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން އުމޭރަށް އެބޯޅަ ކޮންޓްރޯލް ކޮށްލާފައި ބޭނުންގޮތަކަށް ގޯލަށް ފޮނުވާލެވެން އޮތް. އެހެން ނަމަވެސް ބޯޅަ ދިޔައީ އޭނާގެ ފައިގައި ޖެހިފައި ކޮންޓްރޯލް ނުކުރެވިގެން ކީޕަރަށް. މިއީ މި މެޗުގައި މިހާތަނަށް މާޒިޔާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު.

16:27

ބެންގަލޫރު އެފްސީގެ ކުޅުންތެރީން މިފެންނަނީ މުޅި ޓީމު ކުރިއަށް ޖެހިގެން މާޒިޔާ ކޮޅަށް ހަމަލާއެއް އުފައްދަން މަސައްކަތްކުރާތަން.

16:26

"23- ބެންގަލޫރުގެ ޕެނަލްޓީ އޭރިޔާ ބޭރުން، އަސަދުﷲ ބޯޅަ ހޯދުމަށްފަހު ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅައަށް އަރަން ހުރި، އިމާޒަށް އެ ބޯޅަ ލިބޭ ގޮތެއް ނުވި.

16:24

"21 - އަނެއްކާވެސް ބެންގަލޫރުގެ ހަމަލާއެއް. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ހުއާން އެންޓޯނިއޯ ފޮނުވާލި ބާރު ބޯޅަ ދިޔައީ، ހުރަސް ދަނޑީގެ ކުޑަތަންކޮޅެއް މަތީން ބޭރަށް.

16:23

"20 - ބެންގަލޫރަށް ލިބުނު ހިލޭ ޖެހުމަކުން މާޒިޔާގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހުއާން އެންޓޯނިއޯ ބޮލުން ޖަހައި ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.

16:22

ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ގައުމީ ދަނޑުގައި އޭއެފްސީ މެޗެއް ކުޅެމުން ދާއިރު، ދަނޑުން މި ފެންނަނީ ވަރަށް މަދު ސަޕޯޓަރުން ކޮޅެއް.

16:20

"17 - ބެންގަލޫރު އެފްސީން އުދަންތާ ސިންގ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭން އުފެއްދި ހަމަލާ މާޒިޔާގެ ކީޕަރު މަތަކުރީ.

16:18

ބެންގަލޫރުގެ ކެމަރަން ވޮޓްސަން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ސުނިލް ޗެތްރީއަށް ޖައްސާލި ބޯޅަ އޭނާއަށް ކޮންޓްރޯލެއް ނުކުރެވުނު. ބެންގަލޫރު އެފްސީ މިދަނީ ހަމަލާއެއް އުފެއްދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުން.

16:16

ރަކިޗަަށް ފަރުވާ ދިނުމަށް ފަހު އޭނާ އަލުން ކުޅެން އަރައިފި.

16:13

ކުޅުން ފަށައިފި. މާޒިޔާ ކުޅެމުން މިދަނީ ރަކިޗް ނެތުމުން އެއް ކުޅުންތެރިއަކު މަދުން.

16:12

ރަކިޗްގެ ބޮލަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައި މިވަނީ، އޭނާ ދަނޑުން ބޭރަށް ނެރެގެން ފަރުވާ ދެނީ.

16:10

ބެންގަލޫރު އެފްސީގެ ޕެނަލްޓީ އޭރިޔާ ތެރޭން މާޒިޔާގެ ރަކިޗަށް އަނިޔާވެގެން އޭނާއަށް ފަރުވާދެމުން ދަނީ.

16:10

މެޗު ފަށައިގެން މިހާރު 7 މިނިޓްގެ ކުޅުން ނިމުނީ. އަދި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.