އޭޝިއަން ބީޗް ވޮލީބޯލް ޓުއާގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ބީޗް ވޮލީބޯޅަ ޓީމު ތައިލެންޑަށް ފުރައިފި އެވެ.

އެ މުބާރާތުގައި ވާދަކުރުމަށް ގައުމީ ބީޗް ވޮލީ ޓީމު ފުރާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެ މުބާރާތަށް ފުރި ރާއްޖޭގެ ޓީމުގައި ހިމެނެނީ ހަތަރު ކުޅުންތެރިންނާއި ޓްރޭނަރެކެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ވާދަކުރުމަށް ފުރި ރާއްޖޭގެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އަހްމަދު އަނިލް ނަސީރާއި ޝިއުނާޒް އަބްދުލް ވާހިދާއި އަދްނާން އަބްދުލް ހަމީދު އަދި އާދަމް ނަސީމެވެ. ޓްރޭނަރެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ އަބްދުﷲ ނަޝީދެވެ.

ތައިލެންޑްގެ ސަޓުން އަދި ސްންގްކްލާގައި ކުރިއަށްދާ އެ މުބާރާތުގައި ރޭންކްގެ ގޮތުން އެންމެ ކުރީގައި އޮންނަ 20 ޕެއާއަށް ފައިނަލް ބުރުގެ ޖާގައެއް ލިބޭނެ އެވެ. އެގޮތުން 20 ވަނަ އަށް ރޭންކް ކުރެވިފައިވާ ރާއްޖޭގެ އަނިލްއާއި އަދުނާންގެ ޕެއާ ވާދަކުރާނީ ފައިނަލް ބުރުން ފެށިގެންނެވެ. އަދި 21 ވަނައަށް ރޭންކް ކުރެވިފައިވާ ޝިއުނާޒްއާއި އާދަމް ނަސީމްގެ ޕެއާ ވާދަކުރާނީ ކޮލިފައިން ބުރުން ފެށިގެންނެވެ.