04 Apr 2017, 12:38
ނ. މާޅެންދޫ ވައިޓް ހައުސް އަހްމަދު މިރުޒާ މަރާލި މައްސަލަ ސާބިތުވެ ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަސީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއު މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދެ ހާސް އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަންހާއިރު ވިލިމާލޭ ޕާކްތެރޭގައި ލަކުޑިބުރިން ހަމަލާދީ މިރުޒާ މަރާލި މައްސަލާގައި އެ ދެމީހުންގެ އިތުރުން ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށް ވެސް ދައުލަތުން މީހަކު މަރާލިކަމުގެ ދައުވާ އުފުލި އެވެ.
އެހެން ނަމަވެސް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިނުވާތީ، އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ކުރިމިނަލް ކޯޓުގެ މިއަދުގެ ޝަރީއަތުގައި ގާޒީ ވިދާޅުވީ، އެ މީހުން މިރުޒާ މަރާލާފައިވަނީ، މީހަކު މަރާލެވިދާނެ ފަދަ ލަޓި ބުރިއެއް ބޭނުންކޮށްގެން ކަމަށާއި، އެކަން ކޮށްފައިވަނީ ބަދަލު ހިފުމުގެ ރޫހުގައި ކަމަށް ސާބިތުވާ ކަމަށެވެ. އަދި މިރުޒާ މަރުވެފައިވަނީ އެ މާރާމާރީގައި ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
ނަސީފާއި ޝިފާއު މަރަން ކޯޓުން ހުކުމްކޮށްފައިވަނީ، އެ ދެމީހުން މިރުޒާއަށް ހަމަލާދިނުމުގައި ބައިވެރިވެފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވާތީ އެވެ.
ގާޒީ ވިދާޅުވީ، މިރުޒާގެ ހުރިހާ ވާރިސުންވެސް ބޭނުންވަނީ މަރަށް މަރު ހިފުން ކަމަށްވުމުން، އެ ދެމީހުން އެ ކުށް ކުރި އިރު އަމަލުކުރި ގާނޫނުލް އުގޫބާތާއި މިހާރުގެ ގާނޫނުލް އުގޫބާތަށް ރިއާޔަތްކޮށް މަރަން ހުކުމް ކުރީ ކަމަށެވެ.