04 Apr 2017, 11:26
ތޫނިސް (އޭޕްރިލް 4): ތޫނިސްގެ ނައިޓްކުލަބެއްގައި ބަންގި ލަވައަކަށް ހަދައިގެން ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމާ ގުޅިގެން އެނައިޓްކުލަބު ބަންދުކޮށްފި އެވެ.
ތޫނިސްގެ ނާބިލްގައި ހުންނަ ނައިޓްކުލަބެއްގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ފެސްޓިވަލެއްގެ ތެރެއިން ބަންގީގެ ޑާންސް ރިމިކްސްއެއް ކުޅޭ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އެވީޑިއޯ އިން ފެނިގެން ދަނީ ޔޫރަޕުގެ ގައުމަކަށް ނިސްބަތްވާ ދެ ޑީޖޭއިން މިއުޒިކު ކުޅެމުންދިޔަ އިރު އެމިއުޒިކަށް ކުލަބުގައި ތިބި މީހުން ނަށަމުންދާ މަންޒަރެވެ.
ނާބިލްގެ ގަވަރުނަރު ވިދާޅުވި ގޮތުގައި ވަކި ގޮތެއް އަންގަންދެން އެނައިޓްކުލަބު ހުންނާނީ ބަންދުކޮށްފަ އެވެ. އަދި އެމައްސަލަ ތަހުގީގު ކުރުމަށްޓަކައި ނައިޓްކުލަބުގެ މެނޭޖަރު ހައްޔަރުކޮށްފައިވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވި އެވެ.
ީއެހާދިސާއާ ގުޅިގެން ފެސްޓިވަލް ކުރިއަށް ގެންދިޔަ ފަރާތްތަކުންނާއި މިއުޒިކު ކުޅުނު ޑީޖޭ ވަނީ މާފަށް އެދިފަ އެވެ. ނަމަވެސް ފެސްޓިވަލްގެ ޑީޖޭ އެފަދަ މިއުޒިކެއް ކުޅުނީ އޭގެ ސަބަބުން ތޫނިސް ފަދަ މުސްލިމް ގައުމެއްގެ މީހުން ނުރުހުންވެދާނެ ކަން ނޭނގޭތީ ކަމަށް ދެ ފަރާތުން ވެސް ބުނެ އެވެ. (ބީބީސީ)