ސެންޕީޓާސްބާގް (އެޕްރީލް 4) : ރަޝިޔާގެ ސެންޕީޓާސްބާގްގައި އިއްޔެ ބޮމުގެ ޙަމަލާދިނީ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން ހުރި މީހަކު އަމިއްލައަށް މަރުވެގެން ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކުގެ އަލީގައި ރަޝިޔާގެ ސަލާމަތީ ބާރުތަކުން ބުނެފައި ވަނީ ސެންޕީޓާސްބާގް ބޮމުގެ ޙަމަލާއަކީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން ހުރި މީހަކު އަމިއްލައަށް މަރުވެގެންދިން ޙަމަލާއެއްކަން ކަށަވަރުވާ ކަމުގަ އެވެ. ހަމަލާދިން މީހާއަކީ ޒުވާނެއް ކަމަށް ބެލެވޭ ކަމަށާއި އޭނާ ގެ ހަށިގަނޑު ގޮއްވާލުމަށް ހަރަކާތްތެރިވަމުންދިޔަ މަންޒަރު ސަލާމަތީ ކެމެރާތަކުގެ ފުޓޭޖް ތަކުން ސާފުވެފައިވާ ކަމަށް ނަންހާމަކުރަން ނޭދޭ ރަޝިޔާގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ. އަދި މިއީ މެދުއިރުމަތީގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެއްގެ ބަދަލު ހިފުމުގެ ހަމަލާއަކަށް ވެދާނެކަމަށް ރަޝިޔާގެ މީޑީޔާއިން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ވަނީ ސެންޕީޓާސްބާގް ގެ ފުލުހުންގެ މަރުކަޒަކަށް އަމިއްލައަށް ގޮސް ހައްޔަރުވެފަ އެވެ. މި މީހާ އަމިއްލައަށް ފުލުހުންގެ މަރުކަޒަށް ދިޔައީ އެސަރަހައްދުގެ ސަލާމަތީ ކެމެރާއަކުން އޭނާ ފެނިފައިވުމުގެ ސަބަބުން ކަމަށްވެއެވެ. އެމީހާއާ ސުވާލުކުރުމުން އޭނާވަނީ އެ ހާދިސާއާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ރަޝިޔާގެ އަމަނާބެހޭ ފަރާތްތަކުން ގެންދަނީ އެ މީހާއާ ސުވާލުކުރަމުންނެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ރޭގައި ވަނީ އެ ސަރަހައްދަށް ކުއްލި ގޮތަކަށް ޒިޔާރަތް ކުރައްވައި ބޮމުގެ ޙަމަލާދިންތަން ބައްލަވާލައްވާފަ އެވެ. އެއަށްފަހު ޕޫޓިންވަނީ ބޮމުގެ ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި އެތަނުގައި މައުބޮނޑިއެއް ބާއްވަވާފައެވެ. ބޮން ގޮއްވާލި ސަރަހައްދަށް ޕޫޓިން ވަޑައިގެން މައު ބޮނޑި ބޭއްވުން ފިޔަވައި އެއްވެސް ކަމެއް އޭނާ ނުކުރައްވައެވެ.

އެ ހާދިސާއާ ބެހޭގޮތުން އިތުރު ބަޔާނެއްވެސް ސެންޕީޓާސްބާގް ގައި ޕޫޓިން ނުދެއްވައެވެ. ނަމަވެސް ބޮންގޮއްވާލި ޚަބަރު ލިބިވަޑައިގަތުމާއެކު މޮސްކޯގައި ދެއްވި ބަޔާނެއްގައި ޕޫޓިން ވަނީ އެ ހާދިސާގެ ފަހަތުގައިވާ ބަޔަކު ރަޝިޔާއިން ހޯދާނެކަމަށް ވިދާޅުވެ އެއަމަލު ކުށްވެރި ކުރައްވާފައެވެ.

ސެންޕީޓާސްބާގް ގެ މެޓްރޯ ރެލްވޭ ސްޓޭޝަނެއްގެ ކައިރީގައި އިއްޔެ ހަވީރު ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދުވަނީ 11 އަށް އަރާފައެވެ. މި ހާދިސާގައި 50 މީހުން ޒަޚަމްވެފައިވެ އެވެ. މި ބޮން ގޮއްވާލާފައި ވަނީ ސެންޕީޓާސްބާގް ގައިވާ މެޓްރޯ ރެލްވޭ ދެ ސްޓޭޝަނެއްގެ ދެމެދުގައި ކަމަށް ރަޝިޔާގެ އަމްނާބެހޭ އިދާރާތަކުން ބުނެފައިވެ އެވެ. މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވޭ ކަމަށާއި މިހަމަލާއަށްފަހު އެ ސިޓީ އާއި ވެރިރަށް މޮސްކޯގެ ކަންކޮޅުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.

އެ ހާދިސާއަށްފަހު ރައީސް ޕޫޓިން ވަނީ ރަޝިޔާގެ އަމަނާ އިސްވެރިންނާ މޮސްކޯގައި ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފައެވެ. މިހާދިސާއަށްފަހު ރަޝިޔާގެ އާންމުން ކަންބޮޑުވެ ބިރުގެންފައިވާކަން އެގައުމުގެ މީޑިޔާއިންވަނީ ހާމަކޮށްފައެވެ. ވެރިރަށް މޮސްކޯއާއި ސެންޕީޓާސްބާގް އާއި އެނޫންވެސް ބޮޑެތި ސިޓީތަކުގެ މުހިއްމު ސަރަހައްދުތަކުގައި ރަޝިޔާގެ ފުލުހުން ހަރަކާތްތެރިވާތަން މިއަދު ފެންނަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިޔާއަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ހިމާޔަތް ކުރުމަށްޓަކައި ވަރަށް ބޮޑަށް ވަދެގެންފައިވާ ގައުމެކެވެ. ރަޝިޔާގެ ވައިގެ ޙަމަލާތަކުގައި ސޫރިޔާގެ އާންމުންގެ އެތަށް ބަޔަކު މަރުވެފައިވުމުގެ ސަބަބުން ސޫރިޔާގެ ބައެއް ހަނގުރާމަވެރި ޖަމާއަތްތަކުންވަނީ ރަޝިޔާއަށް އިންޒާރު ދީފައެވެ.

ރަޝިޔާގައި ބޮންގޮއްވުމަށް އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ (މިހާރުގެ ތަހްރީރުއްޝާމް ޖަމާއަތް) ފަދަ ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުން މީގެކުރިން މަސައްކަތްކޮށްފައިވެއެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

ރަޝިޔާގެ ކައުކަސް ސަރަހައްދުގައި ހިމެނޭ ޗެޗްނިޔާއާއި ދާޣިސްތާން ގެ ބައެއް ސަރަހައްދުތަަކަކީ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ފަދަ ޖަމާއަތްތަކަށް ނިސްބަތްވާ އެތަށް ހާސްބަޔަކު ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާ ސަރަހައްދުތަކެކެވެ. އެސަރަހައްދުތަކުގައި އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ އަށް ނިސްބަތްވާ 5 ހާހެއްހާ ހަނގުރާމަވެރިން އުޅޭނެކަމަށް ރަޝިޔާގެ ސަލާމަތީ ބާރުތަކުން ލަފާކުރެއެވެ. ޗެޗްނިޔާއާއި ދާޣިސްތާން ގެ ބައެއް ސަރަހައްދުތަަކަކީ ރަޝިޔާގެ ސަލާމަތީ ބާރުތަކުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކެއް ނޫނެވެ. (އޭއެފްޕީ)