05 Jul 2011, 14:57
މިދިޔަ މަހުގެ ކުރީކޮޅު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ޓްރެވިންޑްރަމްގައި ހައްޔަރު ކުރި ދިވެހި އަންހެން މީހާ ޓްރެވިންޑްރަމްގެ ޑިސްޓްރިކްޓް ކޯޓަށް ހާޒިރުކޮށްފި އެވެ.
މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ހައްޔަރު ކުރި ނ. މަނަދޫ ޑެއިޒީމާގޭ ނިއުމާ ޒީނަތު، 29 ބެހޭ ގޮތުން ޓްރެވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސިއުލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ނިއުމާ ހައްޔަރު ކުރި ފަހުން ތިން ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
ރަޝީދު ވިދާޅުވީ ނިއުމާގެ ވަކީލުން ޓްރެވިންޑްރަމްގެ ޑިސްޓްރިކްޓް ކޯޓުގައި އެދެމުން ދަނީ އޭނާ ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އަދި އެކަމުގައި ކޯޓުން ގޮތެއް ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޯޓަކަށް ހާޒިރެއް ވެސް ނުކުރާނެ ވަކީލަކާ ނުލައި. އެހެންވެ އެބޭފުޅާ އަމިއްލަ އަށް ވަކީލަކު ހަމަޖައްސައިގެން ކޯޓުގައި އެދެމުން ދަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް،" ރަޝީދު ވިދާޅުވި އެވެ.
ޓްރެވިންޓްރަމްގެ ޑިސްޓްރިކްޓް ކޯޓަށް ނިއުމާ ހާޒިރު ކުރި ތާރީހުތަކެއް އޭނާ ވިދާޅެއްނުވެ އެވެ.
މަސްތުވާތަކެތީގެ އެ މައްސަލައިގާ ނިއުމާ ހައްޔަރުކުރި ފަހުން ނިއުމާއާ ބައްދަލުކޮށް އޭނާގެ ހާލުބަލަމުން އަންނަ ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިއުމާ އާ ބަދަލުކޮށް ހާލު ބަލަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހުން ފެށިގެން ޑްރެވިންޑްރަމްގެ ޖަލުގައި ނިއުމާ ހައްޔަރުކުރީ މެޑިކަލް ކޮލެޖް ސަރަހައްދުގައި ހުންނަ އޭނާ އާއި އޭނާގެ ލޯބިވެރިޔާ ދިރިއުޅުނު ގެ ބަލައި ފާސްކުރުމުގެ ތެރޭގައި 31 ގުރާމް ބްރައުން ޝުގާ އާއި އަދި 78 ގުރާމް ހަޝިސް އޮއިލް އެގޭގެ ތެރެއިން ފެނިގެން ކަމަށް ދިވެހި ކޮންސިއުލޭޓުން ބުނެ އެވެ. އިންޑިއާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކާ އެކު ހިންގި އެ އޮޕަރޭޝަންގައި ނިއުމާ އާ އެކު އެގެއިން ހައްޔަރު ކުރި އޭނާގެ ލޯބި ވެރިޔަކީ 2005 ވަނަ އަހަރުން ފެށިގެން ފުލުހުންނަށް ފިލައިންގެ އުޅޭ އިންޑިއާގެ ފުލުހެއް ކަމަށް ވެސް އިންޑިއާގެ ކޮންސިއުލޭޓުން ބުނެ އެވެ.
މީހަކާވެސް އިދެގެން އުޅޭ ނިއުމާ އިންޑިއާގައި ދިރިއުޅެނީ އޭނާގެ ދެދަރިންނަށް ކިޔަވައިދިނުމަށެވެ. ނިއުމާ ހައްޔަރުކުމާ އެކު ރާއްޖޭގައި ދިރިއުޅޭ އޭނާގެ ފިރިމީހާ އިންޑިއާ އަށް ގޮސް އެ ދެ ކުދިންނާ ހަވާލުވެފައިވާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.