އަހަރުގެ އެންމެ އުންމީދީ ފިލްމަކަށްވާނެ ކަމަށް ބުނާ، ކުޅަދާނަ ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ފިލްމު "ހައްދު" ގެ އުތީމާ ކެލާގެ ޝޫޓިން ނިންމާލުމަށްފުހު ފިލްމުގެ ކުރޫ މާލެ އަތުވެއްޖެ އެވެ.

"ސަން"އާ ވާހަދައްކަމުން ފައްތާހު ބުނީ، ޖުމްލަ ހަ ދުވަހުގެ ތެރޭގައި ކެލާ އަދި އުތީމުގެ ޝޫޓިން ނިންމާލެވުނު އިރު ފިލްމުގެ ވިހި ޕަސެންޓް ޝޫޓްކޮށް ނިމުނީ ކަމަށެވެ. އޭނާ ބުނީ އެ ދެ ރަށުގައި ނެގުނީ ފިލްމުގެ ވަރަށް މުހިއްމު މަންޒަރުތަކެއް ކަމަށެވެ.

"ވަރަަށް ޔުނީކް މަންޒަރުތަކެއް ކެލާ އަދި އުތީމުގަ ނެގުނީ. ވަރަށް ހިތް ހަަމަޖެހިގެން ޝޫޓިން މި ނިންމާލީ،" 2014 ރިލީޒް ކުރި "އާދޭސް" އަށް ފަހު ޑައިރެކްޓްކުރާ ފުރަތަމަ ފިލްމާ ގުޅޭ ގޮތުން ފައްތާހު ބުންޏެވެ.

އޭނާ ބުނީ، މޫސުން ތަންދިނުމުގެ ސަބަބުން ފިލްމުގެ ޝޫޓިން ޝެޑިއުލް ކޮށްފައިވާ ގޮތަށް އެއްވެސް ހުރަހެއް ނެތި ނިންމާލެވުނު ކަމަށާއި ކެލާ އަދި އުތީމުގެ ރައްޔިތުންނާއި ކައުންސިލްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

ފިލްމު "ހައްދު" ގެ ކެލާގެ ޝޫޓިންގެ ތެރެއިން---

ފައްތާހު ބުނީ، "ހައްދު"ގެ މާލެ ޝޫޓިން މި މަހުގެ ހަތެއްގައި ފެށުމަށް ފަހު، އަށް ވަނަ ދުވަހު އަނެއްކާ ވެސް ރ. ވާދު އަށް ކްރޫ އާއި ކާސްޓް ފުރާނެ ކަމަށެވެ. އަދި ވާދޫގައި ފިލްމުގެ މުހިއްމު މަންޒަރުތައް ނަގާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ވާދޫގަ މި ފިލްމުގެ މުހިއްމު ސީން ތައް ނަގާނީ. އެރަށުގެ ޝޫޓިން ގައިގަނޑަކަށް ފަނަރަ ދުވަހުގެ ތެރޭގަ ނިންމާލެވޭނެ. އޭރުން ފިލްމުގެ 60 ޕަސެންޓް ޝޫޓްކޮށް ނިމުނީ،" ފައްތާހު ބުންޏެވެ.

ފައްތާހާއި ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސް ކުރާ ފިލްމުގައި ފަސް ލަވަ ހިމެނޭ އިރު، ފިލްމުގެ ބައެއް މަންޒަރުތައް ރިސޯޓްތަކާއި ސަފާރީއެއްގައި ވެސް ނަގާނެ އެވެ.

"ހައްދު"ގެ ލީޑު ރޯލުން ފެނިގެންދާނެ ތިން ތަރިން--

މަހުދީ އަހުމަދުގެ ލޯބީގެ ސްކްރިންޕްލޭ އަކަށް ހަދާ "ހައްދު" ގެ ލީޑު ރޯލުން ފެނިގެންދާނީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑް ބޮޑު ތަރި މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާގެ އިިތުރުން އަލަށް ތައާރަފުވާ ޝިބާން އެވެ.

އޭގެ އިތުރުން މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު (ދަރާ) އަދި އާރިފާ އިބްރާހީމް، ފައުޒިއްޔާ ހަސަން އަދި މަރިޔަމް ހަލީމާއި އަލީ ފާރޫގް އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި ނަޖާހު ގެ އެކްޓިން އެ ފިލްމުން ފެނިގެންދާނެއެވެ.

ފައްތާހުގެ ބާރަވަނަ ފީޗާ ފިލްމު، "ހައްދު"ގެ ހުރިހާ މަސައްކަތެއް ނިމި ސްކްރީނަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.