04 Apr 2017, 10:03
އައްޑު އަށް ތެޔޮ ހިފައިގެން ދިޔަ ބޯޓަކާއި އެ ސިޓީ އިން މާލެ ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް އައްޑޫ ކަނޑުގައި ޖެހި ދޯނި ފެތިއްޖެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
އެ ދޯންޏަކީ އައިލެންޑް އެކްސްޕްރެސް އިން އޮޕަރޭޓް ކުރާ ދޯންޏެކެވެ.
އެ ކުންފުނީގެ އަބްދުﷲ އަޒުމީން މިއަދު ސަން އަށް ވިދާޅުވީ ރޭ ދަންވަރު ހިނގި ހާދިސާގައި ޖެހުނީ އެސްޓީއޯ އިން އައްޑު އަށް ތެޔޮ ހިފައިގެން ދިޔަ ބޯޓަކާއި އަދި އައްޑޫ އިން މާލެ ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް ކަމަށެވެ. އަދި ދެ އުޅަނދު ޖެހުމާ އެކުނ ދޯނި ފެތުނު ކަމަށް އޭނާ ބުންޏެވެ.
އަޒުމީން ބުނީ އެ ދޯނި މާލެ ދަތުރު ކުރީ 40 ފޯޓުގެ ހުސް ދެ ކޮންޓޭނަރާއި އަދި 20 ފޫޓުގެ ހުސް ކޮންޓޭނަރެއް ހިފައިގެން ކަމަށެވެ. އަދި ދޯނި ފެތުމާ އެކު އެއް ކޮންޓޭނަރު އަޑި އަށް ދިޔަ ކަމަށާއި އަނެއް ދެ ކޮންޓޭނާ ފެންމަތީގައި އޮތް ކަމަށެވެ. އަދި އައިލެންޑް އެކްސްޕްރެސްގެ އުޅަނޑުފަހަރު އެ ސަރަހައްދަށް މިއަދު ގޮސް ދޯނި ފެންމަތި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ދޯނި ފެތުމާ އެކު ކޯސްޓްގާޑުން ރޭ އެ ސަރަހައްދަށް ދިޔަ ކަމަށާއި އޭރު ދޯނީގައި ތިބި މީހުން ތިބީ ތެޔޮ ބޯޓަށް ނަގާފައިވާ ކަމަށެވެ. އަދި ތެޔޮ ބޯޓުގެ މީހުން އެ ތަނުން ދިޔައީ އައިލެންޑް އެކްސްޕްރެސްގެ މީހުން މިއަދު އެ ސަރަހައްދަށް ދިޔުމުން ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ދެ އުޅަނދު ޖެހެން ދިމާވީ ކީއްވެގެންކަން އަދި ނޭނގޭ ކަމަށެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން އެސްޓީއޯ އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.