04 Apr 2017, 09:26
މޮސްކޯ (އޭޕްރިލް 4): ރަޝިއާގެ ސެއިންޓްޕީޓާސްބާގުގެ މެޓްރޯ ސްޓޭޝަނެއްގައި އިއްޔެ ބޮމެއް ގޮއްވާލި މީހަކީ މެދުތެރޭ އޭޝިއާއަށް ނިސްބަތްވާ މީހެއް ކަމަށް ރަޝިއާގެ މީޑިއާތަކުން ބުނެފި އެވެ.
ބިމުއަޑީގައި ހަދާފައިވާ ދެ ސްޓޭޝަނެއްގެ މެދުގައި އިއްޔެ ދިން ބޮމުގެ ހަމަލާގައި 11 މީހަކު މަރުވެ، 45 މީހަކަށް އަނިޔާވި އެވެ. އަދި އިތުރު ސްޓޭޝަނަކުން ގޮވާ އެއްޗެއް ފެނުނު ނަމަވެސް ރަޝިއާގެ ސިފައިން ވަނީ އޭތި ނައްތާލަފަ އެވެ.
އެހާދިސާ ތަހުގީގު ކުރަމުންދާ ފަރާތްތަކުން ވަނީ އެއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ހަމަލާގެ އިތުރު ތަފްސީލު ހާމަކޮށްފައި ނުވެ އެވެ. އަދި އެއްވެސް ޖަމާއަތަކުން އެހަމަލާގެ ޒިންމާ ނަގާފައި ނުވެ އެވެ.
ރަޝިއާގެ އިންޓަފެކްސް ނޫހުން ބުނާ ގޮތުގައި އެހަމަލާ ދިން ކަމަށް ތުހުމަތު ކުރެވެނީ މެދުތެރޭ އޭޝިއާއަށް ނިސްބަތްވާ 23 އަހަރުގެ މީހެކެވެ. އަދި އެހަމަލާ ދިނީ އަމިއްލައަށް މަރުވެގެން ކަމަށް އެނޫހުން ބުނި ނަމަވެސް ރަޝިއާ ސަރުކާރުން އެކަން ޔަގީންކޮށް ދީފައި ނުވެ އެވެ.
އެހަމަލާ ދިން ވަގުތު ސެއިންޓް ޕީޓާސްބާގުގައި ހުންނެވި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ ހަމަލާ ދިން ސްޓޭޝަނަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި އެހަމަލާ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)