04 Apr 2017, 09:08
ޒީ ޓީވީން ގެނެސްދޭ ޑްރާމާ ސީރީޒް، ޖަމާއީ ރާޖާގެ ބަތަލާ ނިއާ ޝަރްމާގެ އިންސްޓަގްރާމް އެކައުންޓު ހެކް ކޮށްފި އެވެ.
ނިއާގެ އިންސްޓަގްރާމް ހެކް ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެކަން އޭނާގެ ފޭނުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ ނިއާ ކުރި ޓުވީޓެއްގަ އެވެ.
ނިއާ ބުނެފައި ވަނީ މީހެއްގެ އިންސްޓަގްރާމް އެކައުންޓެއް ހެކް ކޮށްގެން ބަޔަކަށް ލިބޭ އުފަލެއް ނުވިސްނޭ ކަމަށެވެ.
އިންސްޓަގްރާމްގައި ނިއާ ފެންނަނީ ވަރަށް އެކްޓިވްކޮށެވެ. ކޮންމެ ދުވަހަކު ވެސް އޭނާގެ ހަޔާތުގައި ހިނގާ ކަންކަން ފޭނުންނާ ހިއްސާ ކުރެ އެވެ. މިވަގުތު ނިއާ ހުރީ ވެސް ޗުއްޓީ ހޭދަކޮށްލުމަށް މަނާލީގަ އެވެ. އަދި ޗުއްޓީގެ ފޮޓޯތައް ވެސް ނިއާ ދިޔައީ ގަވާއިދުން ހިއްސާ ކުރަމުންނެވެ.
ނަމަވެސް، އެކައުންޓު ހެކް ކުރުމާ އެކު، ނިއާގެ ޗުއްޓީގެ ފޮޓޯތައް ބެލުމަށް ދެން ކުރަން ޖެހޭނީ އިތުރު އިންތިޒާރެކެވެ. އެ މައްސަލަ އަދި ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައެއް ނުވެ އެވެ.
މަނާލީއަށް ދިއުމުގެ ކުރިން ނިއާ ވަނީ ރާއްޖޭގައި ވެސް ޗުއްޓީ ހޭދަކޮށްފަ އެވެ. މީގެ ދެ ހަފްތާ ކުރިން ނިއާ ރާއްޖެ އައިސް މަޑުކޮށްފައި ވަނީ މާލެ އަތޮޅުގައި އޮންނަ އަދާރަން ޕްރެސްޓިޖް ވާދޫ ރިސޯޓްގަ އެވެ.
ނިއާ ޝަރްމާ އަކީ އިނޑިއާގެ ޓެލެވިޒަން އެކްޓަރުންގެ ގޮތުގައި ތިބި އެހެން ތަރިންނަށް ދޫކުރާ ތަރިއެއް ނޫނެވެ. އޭނާ ވަނީ ދެ ޑްރާމާއަކުން މޮޅު ހުނަރު ދައްކާލައި ބެލުންތެރީންގެ ހިތްތަކުން ޖާގަ ހޯދައިފަ އެވެ.
އެގޮތުން ސްޓާ ޕްލަސް އިން ގެނެސްދިން ޑްރާމާ ސީރީޒް "އޭކް ހަޒާރޯމޭ މޭރީ ބެހެނާ ހެއި" އިން މާންވީގެ ރޯލުން ފެނިގެން ގޮސްފައިވާއިރު އެންމެ ފަހުން އޭނާ ފެނުނީ ޒީޓީވީ އިން ގެނެސްދިން "ޖަމާއީ ރާޖާ" އިން ރޯޝްނީގެ ރޯލުންނެވެ.
މި ދެ ޑްރާމާ ސީރީޒް އަކީ ވެސް ބެލުންތެރީންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ދެ ސީރީޒެވެ. އެންމެ ފަހުން ޒީޓީވީ އިން ގެނެސްދިން ޑްރާމާއަށް ފަހު ނިއާ ޝަރްމާ އަދި ޑްރާމާ އަކުން ފެނިފައެއް ނުވެ އެވެ.
އެހެން ނަމަވެސް ނިއާ ޝަރްމާގެ އިތުރު ސީރީޒެއް ވަރަށް އަވަހަށް ރިލީޒް ވާނެ އެވެ. ނަމަކީ "ޓްވިސްޓެޑް" އެވެ.