އިނގިރޭސި ޕްރެމިއާ ލީގުގައި މިދިޔަ ސީޒަންގެ ހަތަރު ވަނާގައިއޮވެ ލީގު ނިންމާލި އާސެނަލްއަށް އަވަސް މުސްތަގްބަލެއްގައި ކާމިޔާބީއެއް ނެތްކަމަށް މިދިޔަ ސީޒަނަށްފަހު ރިޓަޔާކުރި މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޝޯލްސް ބުނެފި އެވެ.

"އާސެނަލްއަށް އަވަސް މުސްތަގުބަލެއްގައި ކާމިޔާބީއެއް ލިބޭކަށް ނެތް. އެމީހުންނަކީ އެންމެ ރީތި ފުޓްބޯޅަ ކުޅޭ ޓީމަށް ވެދާނެ. ރީތި ފުޓްބޯޅައެއް ކުޅުނަސް ކާމިޔާބީއެއް ނުލިބެންޏާ އެއްވެސް ފައިދާއެއް ނެތް. މީހުން ކިޔާފާނެ އެންމެ މޮޅު ކްލަބަކީ އާސެނަލްއޭ. އެކަމަކު ހަގީގަތަކީ މެންޗެސްޓާ ޔުނައިޓެޑުން ހުރިހާ ކާމިޔާބީއެއް ހޯދާކަން." ޝޯލްސް ބުންޏެވެ.

އަންނަ ސީޒަނަށް އާސެނަލްއިން މުހިންމު ކުޅުންތެރިންތަކެއް ގެއްލިގެންދާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"އާސެނަލްއިން އެމީހުންގެ އެންމެ ރަނގަޅު ތިން ކުޅުންތެރިންކަމަށްވާ ފެބްރިގާސް، ނަސްރީ އަދި ކްލިޗީވެސް ގެއްލިގެންދާނެ. އަހަރެމެންގެ ކޯޗް ފާގަސަންއަށް ހަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ތައްޓެއް ކާމިޔާބުނުވެއެއް ނުދާނެ." ޝޯލްސް ބުންޏެވެ.

އާސެނަލްއިން ވަކިވާނެކަމަށް ޝޯލްސް ހާމަކުރި ތިންކުޅުންތެރިންގެ ތެރެއިން ޑިފެންޑަރު ގާއެލް ކްލިޗީ މިހާރުވަނީ މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފަ އެވެ.