13 May 2010, 15:21
19:00
އެޑިޔުކޭޝަން މިނިސްޓްރީން ނިންމަވާފައިވާ ގޮތަށް، އަންނަ އަހަރު މަތީ ސާނަވީ އަށް ކިޔަވާ ކުދިންނަށް ދިވެއްސާއި އިސްލާމަކީ އިޚްތިޔާރީ ދެ މައްދާއަށް ހަދައިފިނަމަ އެއީ ގައުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޭލެވެލް އަށް ކިޔަވާ ކުދިންނަށް އެ ދެ މާއްދާ އިޚުތިޔާރީ މާއްދާތަކެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ އެކަން ވާނީ ދިވެހި ބަހަށާއި އިސްލާމް ދީނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ކަމަށެވެ. އަދި ޢަދާލަތު ޕާޓީން ދެކޭ ގޮތުގައި އެ ބަދަލަކީ ތަޢުލީމީ ގޮތުން މާބޮޑު ފައިދާއެއް ނެތް، ގައުމަށް ކުރިމަތިވާނޭ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ރާއްޖޭގެ މުސްތަޤުބަލަށް ލިބިގެންދާނެ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ވެސް އަދާލަތުގެ ބަޔާނުގައިވެ އެވެ.
އިޚުތިޔާރީ ދެ މާއްދާގެ ގޮތުގައި ދިވެއްސާއި އިސްލާމް ހަމަޖައްސަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށް އަދާލަތުން ބުނުމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރގެ ނައިބު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ އޭލެވެލް އަށް ކިޔަވާ ކުދިންނަށް އެހެން ބައެއް މާއްދާތައް ވެސް އިޚުތިޔާރީ މާއްދާތަކެއްގެ ގޮތުގައި ހަމަޖައްސަން އަންނަނީ މަޝްވަރާކުރަމުން ކަމަށެވެ. އަދި ދިވެހި އިސްލާމް ކިޔަވަން ބޭނުން ކުދިންނަށް އެ ދެ މާއްދާއިން ކިޔެވޭ އެންމެ މައްޗަކަށް ކިޔެވުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ. ޝިފާ ވިދާޅުވީ ދަރިވަރުންނަށް އެއްވެސް މާއްދާ އެއް ނުކިޔެވޭ ގޮތަކަށް ހަމަޖައްސާފައެއް ނޯންނާނެ ކަމަށާއި އަދި އެދެ މާއްދާ މަތީ ސާނަވީގައި އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި އޮންނަ ގޮތަށް ހަމަޖެއްސި ނަމަވެސް، ސާނަވީގައި އެއީ ކިޔަވަން މަޖުބޫރު ދެ މާއްދާ ކަމަށެވެ.
އަދާލަތުގެ ނޫސްބަޔާނުގައި ވަނީ ކުރީގެ ތަޖުރިބާތަކުން އިބްރަތް ލިބިގަނެ، އެ ނިންމުން އަނބުރާ ގެންދިއުމަށް އެޑިޔުކޭޝަން މިނިސްޓްރީ އަށް ގޮވާލާފަ އެވެ. އަދި ތައުލީމީ ހުރިހާ ގްރޭޑެއްގައި ވެސް އިސްލާމާއި ދިވެހި މަޖުބޫރު ދެ މާއްދާގެ ގޮތުގައި ބޭއްވުމަށް ވެސް ވަނީ އެދިފަ އެވެ.