މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހދ. އަތޮޅު ބުރުގެ ފައިނަލަށް ނޮޅިވަރަމް ބަލިކޮށް ހަނިމާދޫން ދަތުރުކޮށްފިއެވެ.

ހަނިމާދޫން ނޮޅިވަރަމް މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

ކުޅުދުއްފުށީ ދަނޑުގައި ނޮޅިވަރަމް ކޮޅަށް ގޯލު ޖަހައި ހަނިމާދޫން ފައިނަލާ ގާތަށް ޖެހިލީ މެޗުގެ 30 ވަނަ މިނިޓްގައި އަބްދުﷲ ނަސީރު ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގައި ހަނިމާދުއަށް ލީޑު ފުޅާވެގެންދިޔައީ ނޮޅިވަރަމްގެ ހައިޝަމް އަބުދުއްރައްޒާގު އަތުން ބައިކޮޅަށް ލަނޑެއް ވަނުމުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަނިމާދޫގެ މުހައްމަދު އަބްދުލްގަފޫރެވެ.

ފައިނަލުގައި ހަނިމާދޫ ވާދަ ކުރަންޖެހޭނީ މުބާރާތް ބާއްވާ ރަށްކަމަށްވާ ކުޅުދުއްފުޓާއެވެ. ކުޅުދުއްފުށި ފައިނަލަށް ދަތުރުކުރީ ހިރިމަރަދޫ ބަލިކޮށްގެންނެވެ.

ހދ. އަތޮޅު ބުރުގެ ފައިނަލް މެޗު އަންނަ ބުދަ ދުވަހު ކުޅޭ އިރު، މާރަންދޫން ވަނީ ހއ. ބުރުގެ ޗެމްޕިއަންކަން ހޯދައިފައެވެ.