04 Apr 2017, 00:00
ދުނިޔޭގެ އެންމެ މަޝްހޫރު ޓްރައިތެލޯން ރޭސް ކަމަށްވާ 'އަޔަންމޭން' ޓްރައިތެލޯންއެއް ފުރިހަމަކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ރާއްޖޭގެ ކުރީގެ ކާމިޔާބު ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ހޯދައިފިއެވެ.
ދެކުނު އެފްރިކާގެ ނެލްސަން ބޭގައި ކުރިއަށްދިޔަ އަޔަންމޭން ޓްރައިތެލޯން ރޭސް، ކުޑަހުސެން ފުރިހަމަކޮށްފައިވަނީ 45-49 އުމުރުފުރާގައި ބައިވެރިވެ، 15 ގަޑިއިރާއި 23:38 މިނެޓުންނެވެ.

އަޔަންމޭން ޓްރައިތެލޯން ރޭހެއް ފުރިހަމަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓު ކުޑަހުސެން --- ފޮޓޯ/ ކުޑަހުސެން
އަޔަންމޭން ޓްރައިތެލޯންއަކީ ދުނިޔޭގައި ބާއްވާ އެންމެ ބުރަ ރޭހެވެ. އަޔަންމޭން ޓްރައިތެލޯން ރޭހެއްގައި ހިމެނެނީ 3.8 ކިލޯމީޓަރު ފެތުމާއި، 180.2 ކިލޯމީޓަރު ބައިސްކަލް ދުއްވުން އަދި 42.195 ކިލޯމީޓަރު ދުވުމެކެވެ. ރޭސް ފުރިހަމަކުރަން ޖެހޭނީ ތިން އިވެންޓް ވެސް ފުލުފުލުގައި ނިންމައިގެންނެވެ.
އަޔަންމޭން ޓްރައިތެލޯންއާ ގުޅޭގޮތުން ކުޑަހުސެން ބުނީ، އެ އިވެންޓްގައި ބައިވެރިވާ ފުރަތަމަ ދިވެހި މީހާއަށް ވުމަކީ 2006 ވަނަ އަހަރުން ފެށިގެން އޭނާގެ އުންމީދެއް ކަމަށާއި އެކަމަކު ގޮންޖެހުންތަކަކާ ގުޅިގެން ތައްޔާރުނުވެވުމުން އިވެންޓް ފުރިހަމަ ކުރުމަށް ލަސްތަކެއް ކުރިމަތިވި ކަމަށެވެ.
"ފައި ހަލާކުވެ ކަކުލުގެ ދެ އޮޕަރޭޝަން ކުރަން ޖެހުމުން އިވެންޓަށް ތައްޔާރުނުވެވި މި އުންމީދު ހާސިލްނުވެ ގިނަ ދުވަސްވީ. އަދި މިފަހަރުގެ ސައުތު އެފްރިކަން އަޔަންމޭން ޗެމްޕިއަންޝިޕް 2017ގައި ބައިވެރިވެ ރޭސް ނިންމުން އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ގަބޫލުކުރެވޭ. މި އިވެންޓްގައި ހުސެއިން ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ އެކި އުމުރުފުރާގެ ދިވެހިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިތްވަރުދިނުން،" އޭނާ ބުންޏެވެ.

އަޔަންމޭން ޓްރައިތެލޯން ރޭހެއް ފުރިހަމަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓު ކުޑަހުސެން --- ފޮޓޯ/ ކުޑަހުސެން
ކުޑަހުސެން ބުނީ، ރޭހުގައި ބައިވެރިވި މަގްސަދުތަކުގެ ތެރޭގައި ކޮންމެ މީހަކު ވެސް ކުރަން ބޭނުންކަމެއް އިހްތިޔާރުކޮށް، އެކަމެއް ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ އެކަމެއް ކާމިޔާބު ކުރެވޭނެކަން ސާބިތުކޮށްދިނުމާއި އެކަމުގައި ކުރިމަތިވާ ކޮންމެ ގޮންޖެހުމަކީ ވެސް އަރައިގަނެވޭނެ ކަމެއްކަން ސާބިތުކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ވެސް މިފަދަ ބޮޑެތި ހަރަކާތްތަކުގައި ބައިވެރިވުމަކީ ކުޑަހުސެންގެ އުންމީދެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ކުޑަހުސެންއަކީ ރާއްޖޭގެ އެތުލެޓިކްސްގެ ލެޖެންޑެކެވެ. އޭނާގެ ކެރިޔަރުގައި ގިނަ ކާމިޔާބީތަކެއް ހޯދައި، އެތައް ގައުމީ ރެކޯޑެއް މުގުރާލާފައިވެއެވެ. އޭގެ ތެރެއިން 1989 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގައި އޭނާ ހެދި ރެކޯޑް އަހުމަދު ޝަރަފް ވަނީ ދާދިފަހުން މުގުރާލައިފައެވެ. މިހާރު ކުޑަހުސެން އަތުގައި އޮތީ 10,000 މީޓަރުގެ ދުވުމާއި، 20 ކިލޯމީޓަރު ދުވުމުގެ ރެކޯޑެވެ.
މިއަހަރު ރާއްޖޭގެ އިތުރު ދުވުންތެރިންތަކެއް އަޔަންމޭން ޓްރައިތެލޯންގައި ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ރަނާސް މޯލްޑިވްސްގެ ފަރާތުން މިދިޔަ އަހަރު ބޭއްވި އަލްޓްރާ ރަން މެރަތަންގައި 24 ގަޑިއިރުގެ ދުވުން ފުރިހަމަކުރި އަހްމަދު އާތިފް (އާތި) ފާހަގަކޮށްލެވެއެވެ. އަންނަ މަހު އޮސްޓްރޭލިއާގައި ބާއްވާ އަޔަންމޭން ޓްރައިތެލޯންގައި ވާދަކުރުމަށް އާތި ތައްޔާރުވަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.