ޅޮހި ބަލިކޮށް މާޅެންދޫ މިނިވަން ޗެމްޕިއަންޝިޕްގެ ނ. އަތޮޅު ބުރުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިއަދުގެ މެޗު މާޅެންދޫ ކާމިޔާބު ކުރީ 4-0 ގެ ނަތީޖާ އަކުންނެވެ.

ކެނދިކޮޅުދޫ ދަނޑުގައި ކުޅުނު އެ މެޗުގައި މާޅެންދޫއަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 34 ވަނަ މިނިޓްގައި އަބުދުﷲ ޝަފީއުއެވެ. ޝާފިއު ވަނީ މާޅެންދޫއަށް ހަތަރު ވަނަ ލަނޑު ވެސް ކާމޮޔާބުކޮށްދީފަ އެވެ. މާޅެންދޫ އަށް އަނެއް ދެ ލަނޑޫ ޖައިދިނީ މި މެޗުގެ މޮޅު ކުޅުންތެރިއާ ހަސަން ޖަވާދުގެ އިތުރުން ހަސަން އަބުދުއްރަހީމެވެ.

މާޅެންދޫ ފައިނަލުން ޖާގައެއް ކަށަވަރު ކުރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. މާޅެންދޫ އަތުން ބަލިވި ޅޮހި ވަނީ މުބާރާތުން ކަޓާފައެވެ.

އެ މުބާރާތުގެ ފައިނަލުގައި މާޅެންދޫއާ ދެކޮޅަށް ނުކުންނާނެ ޓީމެއް އެނގޭނީ ކެނދިކުޅުދޫއާ ކުޑަފަރި ބައްދަލު ކުރާ މެޗުންނެވެ. އެ ދެޓީމުގެ ކުރީގެ ނަތީޖާތަކަށް ބަލާއިރު ދެޓީމަށް ވެސް ފައިނަލުގެ ޖާގައެއް ކަށަވަރުކުރެވޭނީ ސީދާ ތިން ޕޮއިންޓް ހޯދައިގެންނެވެ. އަދި އެއްވަރުވެއްޖެނަމަ ފައިނަލަށްދާނީ ކުޑަފަރީއެވެ.

ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ކުޑަފަރިއާ ކެނދިކުޅުދޫ ނުކުންނާނީ އަންނަ ބުދަ ދުވަހުއެވެ.