ސެންޕީޓާސްބާގް(އެޕްރީލް 3): ރަޝިޔާގެ ބޮޑު ސިޓީއެއްކަމަށްވާ ސެންޕީޓާސްބާގް ގެ މެޓްރޯ ރެލްވޭ ސްޓޭޝަނެއްގެ ކައިރީގައި މިއަދު ހަވީރު ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 10 މީހުން މަރުވެ 50 މީހުން ޒަޚަމްވެއްޖެއެވެ.

ރަޝިޔާގެ އަމްނާބެހޭ އިދާރާތަކުން ބުނީ މިބޮން ގޮއްވާލާފައިވަނީ ސެންޕީޓާސްބާގް ގައިވާ މެޓްރޯ ރެލްވޭ ދެ ސްޓޭޝަނެއްގެ ދެމެދުގައެވެ. މިއީ ޓެރަރިސްޓް ހަމަލާއެއްކަމަށް ބެލެވޭކަމަށާއި މިހަމަލާއަށްފަހު އެސިޓީއާއި ވެރިރަށް މޮސްކޯގެ ކަންކޮޅުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

މިޙަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާދެމުން ގެންދަނީ ސެންޕީޓާސްބާގް ގެ ހޮސްޕިޓަލްތަކުގައެވެ. ރަޝިޔާގެ ސަލާމަތީ ބާރުތަކުންވަނީ މިޙާދިސާ ތަހްގީގްކުރަން ފަށައި އަދި މިކަމުގެ ފަހަތުގައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ. ރަޝިޔާއަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ހިމާޔަތް ކުރުމަށްޓަކައި ވަދެގެންފައިވާ ގައުމެކެވެ. ރަޝިޔާގެ ވައިގެ ޙަމަލާތަކުގައި ސޫރިޔާގެ އާންމުންގެ އެތަށް ބަޔަކު މަރުވެފައިވެއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންވަނީ މި ހާދިސާގެ ފަހަތުގައިވާ ބަޔަކު ރަޝިޔާއިން ހޯދާނެކަމަށް ވިދާޅުވެ މިކަން ކުށްވެރި ކުރައްވާފައެވެ. (އަލްޖަޒީރާ)