05 Jul 2011, 14:36
ރާއްޖެ އާއި ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗަށް ނުކުންނަ އިންޑިޔާގެ ޤައުމީ ޓީމް އަންނަ ބުރާސްފަތި ދުވަހު މާލެ އަންނާނެ ކަމަށް އެފްއޭއެމް އިން މިއަދު ބުނެފި އެވެ.
އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ގައުމީ ޓީމް ކުޅޭ އެކުވެރިކަމުގެ މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި މި މަހުގެ 23 ވަނަ ދުވަހާއި 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ.
ރަހުމަތް ތެރި ކަމުގެ މެޗަށް ތައްޔާރު ވުމުގެ ގޮތުން އިއްޔެ ހެންވޭރު ދަނޑުގައި ދިވެހި ޓީމްގެ ފަރިތަކުންތައް ފަށާފައި ވާއިރު، ސްކޮޑަށް ނެގި 24 ކުޅުންތެރިންގެ ތެރެއިން އިއްޔެގެ ފަރިތަކުރުން ތަކުގައި ތިން ކުޅުންތެރިއަކު ބައިވެރި ނުވެ އެވެ. އެއީ އަނިޔާގައި ހުރި އައްސަދު އަބްދުލް ގަނީ އާއި މާޒިޔާގެ ހުސެއިން ނިޔާޒު މުހައްމަދު (ބޮކުރީ) އަދި ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އެވެ.
އާޖެންޓީނާގެ ކޯޗު ޑިއޭގޯ ކްރުސިއާނީގެ އިރުޝާދުގެ ދަށުން ވޯލްޑް ކަޕް ކޮލިފައިންނަށް ތައްޔާރުވަމުންދާ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ އިންޑިއާ މެޗަށް ނެގި ސްކޮޑުން ބާކީކޮށްފަ އެވެ.