އަޅުކަން ކުރެއްވުން

ޖަމާޢަތުގެ ނަމާދަށް ފަރުވާބެހެއްޓެވުން

އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު ދީނުގެ ވާޖިބުތައް އަދާކުރެއްވުމުގައިވެސް ޞަޙާބިއްޔާތުން ޞަޙާބީންނަކަށް ދުލެއް ނުކުރައްވައެވެ. އެގޮތުން ނަމާދާމެދު އެބޭކަނބަލުންގެ ޝައުޤުވެރިކަން ހުރިވަރުން އެބޭކަނބަލުންނަށް ފަރުޟު ކުރައްވައިފައި ނުވާ ނަމާދުތަކަށްވެސް ނުހަނު މައްޗަށް ތަރުޙީބު ދެއްވިއެވެ.

އާދެ، ޖަމާޢަތުގެ ނަމާދަކީ އަންހެނުންނަށް ފަރުޟުކުރައްވައިފައިވާކަމެއް ނޫނެވެ. އެހެންކަމުން ޞަޙާބީންގެ ތެރެއިން ޣީރަތްތެރި ބައެއް ބޭކަލުން އެބޭކަލުންގެ އަނބިއަނބިކަނބަލުން މިސްކިތުގެ ޖަމާޢަތަށް ޙާޟިރުވެވަޑައިގަތުމަކަށް ތަރްޙީބެއް ނުދެއްވައެވެ. ނަމަވެސް ޞަޙާބިއްޔާތުން އެކަށީގެންވާ ވަގުތު ބައްލަވައިގެން ޖަމާޢަތުގެ ނަމާދުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޢުމަރު ރަޟިޔަﷲ ޢަންހުގެ އަނބިކަނބަލުން ޢިޝާނަމާދަށާއި ފަތިސްނަމާދަށް މިސްކިތަށް ވަޑައިގެންއުޅުއްވިއެވެ.

ހުކުރުނަމާދަކީވެސް އަންހެނުންނަށް ފަރުޟުކުރައްވައިފައިވާ ނަމާދެއް ނޫނެވެ. ނަމަވެސް ޞަޙާބިއްޔާތުން ހުކުރުދުވަހަށް ވަރަށް ކަމޭހިއްތެވިއެވެ. އެދުވަހުގެ ބަރަކާތް ހޯއްދެވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން ހުކުރުދުވަސްދުވަހު ކާއެއްޗެހި ތައްޔާރުކުރައްވައި ޞަޙާބީންގެ އެތައް ބޭކަލުންނަކަށް ފަރީއްކޮޅު އަރުއްވައި ހެއްދެވި ޞަޙާބިއްޔާތުން ތިއްބެވިއެވެ.

ޞަޙާބިއްޔާތުން ނަމާދާމެދު ޝައުޤުވެރިވެވަޑައިގަންނަވާލެއް ބޮޑުކަމުން ބައެއް ބޭކަނބަލުން އިޝްރާޤުގެ ނަމާދުވެސް ކުރެއްވިއެވެ. އައްސައްޔިދާ އުންމުހާނީ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާގޮތުގައި އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޝްރާޤުގެ ނަމާދުކުރެއްވީ އެކަލޭގެފާނުގެ ޢުމުރުފުޅުން އެންމެ ފަހަރަކުއެވެ. އުންމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޝްރާޤުގެ ނަމާދު ކުރައްވާތީ އަހަރެން ދެކެފައެއް ނުވެއެވެ. ނަމަވެސް އަހަރެން އެނަމާދު ކުރަމެވެ. އެހެނީ އިތުރުސާހިބާ ލޯބިކުރައްވާ އެތައް ކަމެއް އުންމަތަށް އެކަންކަން ފަރުޟުވެދާނެތީ އެކަލޭގެފާނު އެކަންކަން ނުކުރައްވައި ދޫކުރައްވަތެވެ.

ޞަޙާބީން ތަހައްޖުދު ނަމާދު ކުރައްވާއިރު ޞަޙާބިއްޔާތުންވެސް އެބޭކަލުންނާ ބައިވެރިވެވަޑައިގަންނަވައެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ދަމުނަމާދަށް ތެދުވެވަޑައިގެން އެކަލޭގެފާނުގެ އަނބިކަނބަލުންނަށާއި ބޭފުޅުންނަށް ވިދާޅުވެ ނަމާދުގައި ބައިވެރިކުރައްވައެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ތަހައްޖުދު ނަމާދު ކުރެއްވުމަށްޓަކައި ރޭގަނޑު ތިންބައި ކުރައްވައެވެ. އޭގެތެރެއިން އެއްބައިގައި ނަމާދުކުރައްވަނީ އެކަލޭގެފާނުގެ އަނބިކަނބަލުންނެވެ.

ޒަކާތާއި ޞަދަޤާތް ދެއްވުން

ޒަކާތްދެއްވުމާއި ޞަދަޤާތް ދެއްވުމުގައިވެސް ޞަޙާބިއްޔާތުން ވަރަށް ދީލަތިފުޅެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްއަހަރެއްގެ ޢީދު ޚުޠުބާގައި ޞަދަޤާތްކުރެއްވުމާއި ޚައިރާތުކުރެއްވުމުގެ މައްޗަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. ގަހަނާއަކީ އަންހެނުން ވަރަށް ލޯބިކުރާ އެއްޗަކަށް ވުމާއެކުވެސް ޞަޙާބިއްޔާތުން އެކަނބަލުންގެ ކަރުފުޅުގައި ހުރި ގިލޭފަތިކޮޅުތަކާއި، ކަންފަތްޕުޅުގައި ހުރި މުދިފުޅުތަކާއި އިނގިލިފުޅުތަކުގަިއ ހުރި އަނގޮޓިފުޅުތަކަށް ދާންދެން ވަގުތުން ބާލުއްވައި ބިލާލު ރަޟިޔަﷲ ޢަނހުގެ އުނގުފުޅަށް އަޅުއްވައިލެއްވިއެވެ.

ގާތްތިމާގެފުޅު މީހުންނަށް ޞަދަޤާތް ދެއްވުން

ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަނބިކަނބަލުން އައްސައްޔިދާ ޒައިނަބު ރަޟިޔަﷲ ޢަންހާ އެއްދުވަހަކު އެކަލޭގެފާނުގެ އަރިހުގަިއ ވިދާޅުވިއެވެ. ކަލޭގެފާނަކީ މުއްސަނދިފުޅު ބޭކަލެއް ނޫނެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ހުއްދަ ހޯއްދަވާށެވެ. އަޅުގަނޑު ޞަދަޤާތްކުރަން ހުރި ފައިސާ ކަލޭގެފާނަށް އަރުވައިފާނަމެވެ. "އިބްނު މަސްޢޫދު ވިދާޅުވިއެވެ. ތިޔަކަމުގެ ފަތުވާ އައްސަވަން ކަމަނާ ވަޑައިގަންނަވާށެވެ." ޒައިނަބުގެފާނު ވަޑައިގެންނެވިއިރު ޞަޙާބިއްޔާތުންކުރެ އެހެން ބޭކަނބަލެއްވެސް ހަމަ އެކަމާ ސުވާލުކުރައްވަން ވަޑައިގެން އިންނެވިއެވެ. އެދެބޭކަނބަލުން ބިލާލު ރަޟިޔަﷲ ޢަންހު މެދުވެރިކުރައްވައި ސުވާލު ދެންނެވިއެވެ. "ދެބޭކަނބަލަކު އެދެބޭކަނބަލުންގެ ފިރިކަލުންނަށާއި، އެދެބޭކަނބަލުންގެ ބެއްލެވުމުގެ ދަށުގައިވާ ޔަތީމުންގެ ބަޔަކަށް ޞަދަޤާތްކުރައްވާން އެދިވަޑައިގަންނަވައެވެ. އެއީ ހުއްދަކަމެއްތޯއެވެ؟" އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. " އެބައިމީހުންނަށް ދޭށެވެ. އޭރުން ދެގުނަ ޘަވާބު ލިބޭނެއެވެ. ގާތްބަޔަކަށް ހެޔޮކަމެއް ކޮށްދިނުމުގެ ޡަވާބާއި، ޞަދަޤާތްކުރުމުގެ ޘަވާބެވެ."

ޞަދަޤާތުގެ ގޮތުގައި ދެއްވައިފި އެއްޗެއް އަނބުރައި ލިބިވަޑައިގެންނެވި ކަމުގައިވިޔަސް އިތުރު ސާހިބާގެ އަރިހުން ފަތުވާ އައްސަވައިފައި މެނުވީ ޞަޙާބިއްޔާތުން އެއެއްޗެއްގެ ބޭނުންފުޅެއް ނުކުރައްވައެވެ.

ޞަޙާބިއްޔާއެއް އެކަމަނާގެ މައިކަނބަލުންނަށް ޞަދަޤާތުގެ ގޮތުގަައި އަޅުއަންހެނަކު ދެއްވިއެވެ. މައިކަނބަލުން އަވަހާރަވުމުން އެއަޅުއަންހެނާއާމެދު ޢަމަލުކުރައްވާނެ ގޮތަކާމެދު ކައުސާހިބާގެ އަރިހުން ފަތުވާ އެއްސެވިއެވެ. އިތުރުސާހިބާ ޙަދީޘުކުރެއްވިއެވެ. ޞަދަޤާތުގެ ޘަވާބު ކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. މިހާރު އެއަޅުއަންހެނާ ވަނީ ކަމަނާއަށް ލިބިވަޑައިގަންނަވާ ތަރިކައިގެ ތެރޭގައި ހިމެނިފައެވެ.

ޖެހިފައިވާ ބޭނުމަކަށް ބައްލަވައިގެން އެހީވެދެއްވުން

ދިރިތިބީންގެ ތެރެއިން އެހީއަށް ބޭނުންވާ މީހުންނަށް އެހީވެދެއްވާ ފަދައިން މަރުވެފައި ތިބޭ މީހުންކުރެވެސް އެހީއަށް ބޭނުންވެފައިވާ މީހުންނަށް ޞަޙާބިއްޔާތުން އެހީވެވަޑައިގެންދެއްވިއެވެ. ސައްޔިދުއް ޝުހަދާއު ޙަމްޒާ ރަޟިޔަﷲ ޢަންހު އުހުދު ހަނގުރާމައިގައި ޝަހީދުވެވަޑައިގެންނެވި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނުގެ ކޮއްކޯފުޅު އައްސައްޔިދާ ޞަފިއްޔާ ބިންތި ޢަަބްދުލް މުއްޠަލިބު ރަޟިޔަﷲ ޢަންހާ އުޙުދުގެ މައިދާނަށް ވަޑައިގެންނެވިއިރު ބޭބޭފުޅުގެ ކަފުންކޮޅު ލެވުުމަށްޓަކައި ދެފޮތިކޮޅު ގެންދެވިއެވެ. ނަމަވެސް ހަމްޒަތުގެ ހަށިކޮޅުގެ ކައިރީގައި އަންޞާރިއްޔަ ބޭކަލެއްގެ ހަށިކޮޅުވެސް އޮތެވެ. އެމަންޒަރު ފެނިވަޑައިގަތުމުން އަންޞާރިއްޔަ ޞަޙާބީއަށްް ކަފުންކޮޅެއް ލިބިވަޑައިގެންފައި ނެތިސް ބޭބޭފުޅުގެ ހަށިކޮޅުގައި ދެކަފުންކޮޅު ލައްވަން ޞަފިއްޔަތުގެފާނު ލަދުފުޅުގެންވަޑައިގެންނެވިއެވެ. އެކަމަނާ ގެންނެވި ދެފޮތިކޮޅު ދެބޭކަލުންނަށް ދެއްވާން ހަމަޖެއްސެވިއެވެ. އެދެބޭކަލުންގެ އިސްކޮޅުފުޅު ބެލިއިރު އެއްބޭކަލެއްގެ އިސްކޮޅުފުޅު ދިގުކަމުގައިވާތީ ދެބޭކަލުންނަށް ދެފޮތިކޮޅު ހަމަޖެއްސެވީ ޤުރްޢަތު ލައްވައިގެންނެވެ.

ރޯދަ ހިއްޕެވުން

މިޒަމާނުގެ އިސްލާމީ ބައެއް މުޖްތަމަޢުގެ އަންހެނުންގެ ތެރޭގައި ފަރްޟު ރޯދަ ހިފަން ފަސްޖެހޭ މީހުންވެސް އުޅެއެވެ. ނަމަވެސް ޞަޙާބިއްޔާތުން ތިއްބެވީ ތާއަބަދަށް ރޯދަ ހިއްޕަވާންވެސް ތައްޔާރަށެވެ. އެބޭކަނބަލުން ސުންނަތް ރޯދަ ހިއްޕެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާލެއް ބޮޑުކަމުން ބައެއްފަހަރު ބައެއް ބޭބޭކަނބަލުންގެ ފިރިފިރިކަލުން އެކަމާހުރެ އުނދަގޫފުޅުވެގެން ޝަކުވާކުރައްވާން ޖެހިވަޑައިގެންފައިވެއެވެ.

ޞަޙާބިއްޔާތުން ރޯދަހިއްޕެވުމުގެ ޝައުޤުގައި އެބޭކަނބަލުންގެ ޢާއިލާގެ މަރުވެފައި ތިބޭ މީހުންގެ ފަރާތުންވެސް އަމިއްލަފުޅަށް އެދިވަޑައިގެން ރޯދަހިއްޕަަވައި އުޅުއްވިއެވެ.

ޙައްޖުވެވަޑައިގަތުން

ޙައްޖަކީ އިސްލާމްދީނުގައި ޢުމުރުން އެއްފަހަރު އަދާކުރަން ފަރްޟު ކުރައްވައިފައިވާ އަޅުކަމެއް ކަމުގައިވިޔަސް އެންމެ ފަހަރަކު ޙައްޖުވެވަޑައިގަތުމަކުން ޞަޙާބިއްޔާތުންގެ އަލައެއް ނުކެނޑެއެެވެ. އެހެންކަމުން ބައެއް ބޭކަނބަލުން ގާތްގަނޑަކަށް ކޮންމެ އަހަރަކުހެން ޙައްޖުވެވަޑައިގެންނެވިއެވެ. އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެއްފަހަރަކު ޖިހާދުގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ އެދިވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ވިދާޅުވިއެވެ. އިތުރު ސާހިބާ އިރްޝްދު ދެއްވިއެވެ. އެންމެ އިތުރު ޖިހާދަކީ މަބްރޫރު ޙައްޖެވެ. އޭގެފަހުން އެކަމަނާގެ ޙަޔާތްޕުޅުގެ އެންމެ އަހަރަކުވެސް ޙައްޖުވެވަޑައިނުގެން ދޫކޮށެއް ނުލައްވައެވެ.

ޞަޙާބިއްޔާތުން ޙައްޖުވެވަޑައިގަތުމަށް ބެހެއްޓެވި ޝައުޤުވެރިކަން އެންމެ ބޮޑަށް ދުނިޔެއަށް ހާމަވެފައި ވަނީ ޙައްޖަތުލްވަދާޢުގައެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއަހަރު ޙައްޖަށް ވަޑައިގަތުމުގެ އިޢުލާން ކުރެއްވިއިރު އައްސައްޔިދާ އަސްމާއު ބިންތި ޢުުމައިސު ރަޟިޔަﷲ ޢަންހާ އިންނެވީ އާލާސްވެއިންނަވައި ދުވަސްފުޅު ފުރިފައެވެ. ނަމަވެސް އެކަމަނާ ޙައްޖުވެރީންގެ ގާފިލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޢުޛުރެއް ކުރިމަތިވެެގެންވެސް ޙައްޖުވެވަޑައި ނުގެންނެވިދާނެހެން ހީފުޅުވެއްޖެނަމަ ޞަޙާބިއްޔާތުން އެކަމާ ވަރަށްް ދެރަފުޅުވެއެވެ. އުންމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އަށް ޙައްޖަތުލްވަދާޢުގެ ތެރޭގައި އަންހެންވަންތަކަމުގެ ޠަބީޢީ ޢުޛުރެއް ކުރިމަތިވެވަޑައިގެންނެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ އަރިހަށް ވަޑައިގެންެނެވިއިރު އިންނެވީ ކީރިތިކުރައްވާށެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. އަނެއްކާ ކީއްވީތޯއެވެ؟ އުއްމުލްމުއުމިނީން ވިދާޅުވިއެވެ. އަޅުގަނޑަށް އަދިއެއް ޙައްޖެއް ނުވެވެއެވެ.. އިތުރުސާހިބާ ޙަދީޘު ކުރެއްވިއެވެ. ސުބުޙާނަﷲ އެވެ. ތިޔައީ މުޅީން ފިޠުރީކަމެއް ނޫންތޯއެވެ؟ ޙައްޖުގެ ހުރިހާ މަނާސިކުތަކެއް އަދާކުރައްވާށެވެ. ހަމައެކަނި ޠަވާފު ނުކުރައްވާށެވެ.

ޞަޙާބިއްޔާތުން އަމިއްލަފުޅަށް ޙައްޖުވެވަޑައިގަތުމުގެ އިތުރަށް އެބޭބޭކަނބަލުންގެ ބަފައިކަލުންނާއި މައިކަނބަލުންގެ ފަރާތްޕުޅުންވެސް ޙައްޖުވެވަޑައިގެން އުޅުއްވިއެވެ.

---------------------------------