03 Apr 2017, 15:07
ކައިރި މުސްތަގްބަލެއްގައި އެވިޑް ކޮލެޖް ޔުނިވާސިޓީއަކަށް ބަދަލު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެކަމަށް ކުރަންޖެހޭ ކަންތައްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ވިދާޅުވެއްޖެ އެވެ.
އެވިޑް ކޮލެޖުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗެއާމަން މުސްތާގް ވިދާޅުވީ، އެވިޑް ކޮލެޖް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެ ކޮލެޖުގައި ރިސާޗް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެކަމުގެ ތަފްސީލް ދެއްވަމުން އެވިޑް ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، އަންނަ މެއި މަހުގެ ތެރޭގައި ރިސާޗް ސެންޓަރެއް ގާއިމްކޮށް އެ ސެންޓަރުގައި ދިރާސާތަކުގައި އެހީތެރިވާނެ ގާބިލް ރިސާޗް ޕެނަލްއެއް ގާއިމް ކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ރިސާޗް ސެންޓަރުގެ ކޮންސަލްޓަންޓުންގެ ގޮތުގައި ރާއްޖެއިން ބޭރުގެ މަޝްހޫރު ޕްރޮފެސަރުން ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.
އެވިޑް ކޮލެޖުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވައިސް ރެކްޓަރުގެ މަގާމް ތައާރަފްކޮށް، އެ މަގާމަށް ޑރ. އަބްދުﷲ ރަޝީދު އަހުމަދު ރަސްމީކޮށް ހަމަޖައްސަވާފައި ވަނީ އިއްޔެ އެވެ.
މަގާމުގެ ރަސްމީ ލިޔުން ހަވާލުކުރުމަށް ރޭ އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. އަބްދުﷲ ރަޝީދު ވަނީ ކުރިއަށް އޮތް ތަނުގައި ރަނގަޅު ބަދަލުތަކެއް އެވިޑް ކޮލެޖުގެ ދަރިވަރުންނަށް ފެނިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އެވިޑް ކޮލެޖުގެ މަސައްކަތް ފުރަތަމަ ފެށިގެން އައީ 2004 ވަނަ އަހަރު އެވިޑް މޯބައިލް ޓްރޭނިންގެ ނަމުގަ އެވެ. އަދި 2005 ވަނަ އަހަރު އެ ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ފަހު އެވިޑް ޓްރޭނިންގް ސެންޓަރުގެ ނަމުގައި ރެޖިސްޓްރީކޮށް އެމްކިޔޫއޭ އިން ގަބޫލުކުރާ ފެންވަރުގެ ތަފާސް ކޯސްތަކެއް މާލެއާއި އަތޮޅުތަކުގައި ހިންގަން ފެށި އެވެ.
ޓްރޭނިން ސެންޓަރަކުން ކޮލެޖުގެ ނަމަށް އެވިޑް ކޮލެޖުގެ މަސައްކަތްތައް ފުޅާކުރީ 26 އޮގަސްޓް، 2013 ވަނަ އަހަރު އެވެ. އެގޮތުން މިހާރު އެ ކޮލެޖުގެ ދެ ކެމްޕަހެއް މާލޭގައި ދަނީ ހިންގަމުންނެވެ.