03 Apr 2017, 14:51
މޯލްޑިވްސް ކޮންސިއުމާ ފެއާ ބާއްވާ ތާރީޚު ފަސްކޮށް، ލޮކޭޝަނަށް ވެސް ބަދަލު ގެނެސްފިއެވެ. މިއަހަރުގެ މޯލްޑިވްސް ކޮންސިއުމާ ފެއާ އޮންނާނީ މެއި މަހުގެ ހަތަރަކުން ހަޔަކަށް، ނޭޝަނަލް އާޓު ގެލެރީގައެވެ.
މީގެ ކުރިން ކޮންސިއުމާ ފެއާ ބޭއްވުމަށް މީގެ ކުރިން ހަމަޖެހިފައި އޮތީ އޭޕްރިލް މަހުގެ ތެރޭގައި، ދަރުބާރުގޭގައެވެ. ނަމަވެސް ބައެއް ސަބަބުތަކާ ހެދި ތާރީޚާއި ތަން ވަނީ ބަދަލުކޮށްފައެވެ.
ކޮންސިއުމާ ފެއާ އިންތިޒާމުކުރާ ބްލަކްގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ހުޝާމް ވިދާޅުވި ގޮތުގައި، މި ފަހުން ރާއްޖޭގައި ރޯގާއެއް ފެތުރެމުން ދިއުމުގެ ސަބަބުން ތަންތަނަށް މީހުން އެއްވެ ނޫޅުމަށް ސިއްހީ އިދާރާތަކުން އަންގާފައިވުމުން، މައުރަޒު ފަސް ކުރީއެވެ.
ނަމަވެސް، ފެއާގައި ބައިވެރިވެފައިވާ ކުންފުނިތަކުން ރަމަޟާން މަހަށް ޚާއްސަކޮށްގެން ޕްރޮމޯޝަންތަކާއި ލަކީޑްރޯތައް ފެއާގެ ތެރެއިން ހިންގުމަށް ނިންމާފައިވާ ކަމަށާއި، އެކަންކަމަށް ފުރުސަތު ދިނުމުގެ ގޮތުން ރަމަޟާން މަހުގެ ކުރިން ބޭއްވުމަށްޓަކައި މެއި މަހަށް ފަސްކުރީ ކަމަށް ހުޝާމް ވިދާޅުވިއެވެ.
ކޮންސިއުމާ ފެއާ ބޭއްވުމަށް މިއަހަރު ނިންމާފައި އޮތީ ދަރުބާރުގޭގައެވެ. އެހެން ނަމަވެސް ފެއާ މިހާރު ބާއްވާ ދުވަސްވަރަށް ދަރުބާރުގެ ލިބެން ނެތުމުން، ފެއާ މިއަހަރުވެސް ބާއްވާނީ، ކުރީ އަހަރުތަކެކޭ އެއްފަދައިން ނޭޝަނަލް އާޓު ގެލެރީގައެވެ.
ހުޝާމް ވިދާޅުވި ގޮތުގައި، މެއި ހަތަރަކުން ހައަކަށް ކުރިޔަށްދާ މޯލްޑިވްސް ކޮންސިއުމާ ފެއާގައި 25 ވަރަކަށް ފަރާތުން ބައިވެރިވެފައިވާ އިރު، ހުރިހާ ކުންފުނިތަކުން ކަހަލަ ގޮތަކަށް އެ ފެއާގައި ޚާއްސަ ކަންތައްތަކެއް ކުރުމަށް ވަނީ ރާވައިފައެވެ.
އެގޮތުން ފެއާ ހިނގާ ކޮންމެ ދުވަހެއްގައިވެސް، ގަޑިއެއްގެ މައްޗާށް ތިނެއް ނުވަތަ ހަތަރު ވަރަކަށް ލަކީޑްރޯ ހިނގަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޝާމް ވިދާޅުވީ މީގެ ކުރިން ބޭއްވި ކޮންސިއުމާ ފެއާތަކަށް ވެސް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކޮށް، ވިޔަފާރިކޮށް ހަދާފައިވާ ކަމަށާއި، އަމާޒަކީ ކުރީ އަހަރުތަކަށް ވުރެ ގިނަ މީހުން މިއަހަރުގެ ފެއާއަށް ގެނައުން ކަމަށެވެ.
ކޮންސިއުމާ ފެއާގެ ޕާޓްނަރުން:
- އެކްސްކްލޫސިވް ސްޕޮންސާ: ބީއެޗްއެމް
- ސެޓްއަޕް ޕާޓްނަރ: ޝޭޑީ ކެބިން
- ޕްރިންޓް ޕާޓްނަރ: އެމް7 ޕްރިންޓްސް
- ޓެލެކޮމް ޕާޓްނަރ: ދިރާގު
- މީޑިއާ ޕާޓްނަރުން: ސަން އޮންލައިން، އަވަސް އޮންލައިން އަދި ކޯޕަރޭޓް މޯލްޑިވްސް
- ސެކިއުރިޓީ ޕާޓްނަރ: އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސްޑް ޕްރޮޓެކްޝަން (އެސެޕް)
ބްލަކަކީ ރާއްޖޭގައި ބާއްވާ އެކިއެކި މައުރަޒުތަކާއި އެހެނިހެން އިވެންޓުތައް ވެސް މެނޭޖްކުރަމުން އަންނަ ކުންފުންޏެކެވެ. ލިވްއަބޯޑް އެސޯއިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ މައުރަޒު، މޯލްޑިވްސް މެރިން އެކްސްޕޯވެސް މިހާތަނަށް ބާއްވަމުން އައީ ބްލަކްއިންނެވެ.