ށ. ނަރުދޫގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ރަށުގައި ބޭނުން ކުރަމުން ދިޔަ ޖަނަރޭޓަރު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށާއި އެހެންވެ އާ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

މިއަދު މެންދުރު 12 ޖަހާއެހާކަންހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި އެ ރަށުގައި ބޭނުން ކުރަމުން ދިޔަ 80 ކިލޯ އަދި 50 ކިލޯގެ ޖަނަރޭޓަރު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަރުދޫގެ ކަރަންޓުގެ ހާލަތު އަލުން އިއާދަކުރުމަށް ޓަކައި 128 ކިލޯގެ ޖަނަރޭޓަރެއް އެރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެކަމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމަށް ފެނަކަ ށ. އަތޮޅުގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ކުންފުނިން މަސައްކަތް ކުރަމުންދަނީ އިރުއޮއްސުމުގެ ކުރިން ށ. ނަރުދޫ ކަރަންޓުގެ ހިދުމަތް އަލުން އިއާދަކުރުމަށް،" ފެނަކައިގެން ބަޔާނުގައި ބުނެފައިވެ އެވެ.

ނަރުދޫގެ އާބާދީގައި 604 މީހުން ދިރުއުޅެމުންދާއިރު އިންޖީނުގެއިން އަންނަނީ 111 ގެއަކަށް ކަރަންޓް ދެމުންނެވެ.

ނަރުދޫ އިންޖީނުގޭގައި ރޯވި އަލިފާން ގަނޑު ނިވާލާފައި ވަނީ ރައްޔިތުންގެ އެހީގަ އެވެ.

ފެނަކައިން ބުނީ އިންޖީގޭގައި ރޯވާން ދިމާވި މައްސަލަ ބެލުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.