ޖުޑީޝަލް ސާވިސް ކޮމިޝަނުން އަލަށް ފާސްކުރި އޮނިގަނޑުގެ ދަށުން 49 މެޖިސްޓްރޭޓުން އިތުރަށް ބޭނުންވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ. ޖޭއެސްސީން މިއަދު ބުނި ގޮތުގައި އިތުރަށް ބޭނުންވާ 49 މެޖިސްޓްރޭޓުންނާއެކުގައި ވެސް ކުރީގެ އޮނިގަނޑަށް ވުރެ އާ އޮނިގަނޑުގައި އަށް މަގާމު މަދެވެ.

ރޭ ބޭއްވި ޖޭއެސްސީގެ 75 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާ އާ އޮނިގަނޑުގެ ދަށުން އެކޮމިޝަނުން މެޖިސްޓްރޭޓަކު ކަނޑައަޅާނީ އެރަށަކުން ހުށައެޅޭ މައްސަލަ ތަކުގެ އަދަދު ސުމަކާއި 120 އާ ދެމެދުގައި ހުރެފައި އާބާދީ 500 އާ 2500އާ ދެމެދުގައި ހުރުމުންނެވެ.

ޖޭއެސްސީން ބުނި ގޮތުގައި ރާއްޖޭގައި މިހާރު ހުރީ 193 މެޖިސްޓްރޭޓް ކޯޓްކަމަށާއި އެކޯޓްތަކުގައި 214 މެޖިސްޓްރޭޓުންގެ މަގާމު އެބަ އޮތް ކަމަށާއި ނަމަވެސް އާ އުސޫލުގެ ދަށުން ތިބޭނީ 206 މެޖިސްޓްރޭޓުން ކަމަށާއި އެއީ 168 ރަށެއްގައި ކަމަށެވެ.

އާބާދީ އެއްފަސް ކުރުމުގެ ސަބަބުން އެއްރަށެއްގައި ދެ މެޖިސްޓްރޭޓުން ބައިތިއްބަން ޖެހިއްޖެ ހާލަތެއްގައި އެ ރަށެއްގެ ކޯޓްގައި ދެ މެޖިސްޓްރޭޓުންގެ މަގާމް އުފައްދަން ޖެހުނަސް އެގޮތުން ހަމަ ޖެއްސި މެޖިސްޓްރޭޓަކު ވަޒީފާއިން ވަކިކުރުން ނުވަތަ އަމިއްލައަށް ވަޒީފާއިން ވަކިވުން ނުވަތަ ނިޔާވުން ފަދަ ކަމެއް ދިމާވުމުން އެ މަގާމް އުވާ ލެވޭނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.