އޭއެފްސީ ކަޕްގެ އެންމެ ފަހުގެ ރަނަރަޕުންނަށް ވިޔަސް، އިންޑިއާގެ ބެންގަލޫރު އެފްސީއަށް ޕްރެޝަރެއް ނެތް ކަމަށް އެކްލަބުގެ ކޯޗު އަލްބާޓް ރޮކާ ބުނެފި އެވެ.

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި މާދަމާ ހަވީރު ރާއްޖޭގައި ބެންގަލޫރު އެފްސީން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗަށް ނުކުންނައިރު، މާޒިޔާ އަދި ބެންގަލޫރު އެފްސީ ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި ބަނގްލަދޭޝް ޗެމްޕިއަން ދާކާ އަބަހާނީ އަތުން މާޒިޔާ މޮޅުވި އިރު، ބެންގަލޫރު ވަނީ ވާދަވެރި މޯހަން ބަގާން އަތުން މޮޅުވެފަ އެވެ.

ކުރިން ސްޕެއިންގެ ބާސެލޯނާ އަދި ތުރުކީގެ ގަލަތަސަރައީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ރޮކާ ބުނީ، ބެންގަލޫރު އަބަދުވެސް ބޭނުން ވަނީ މެޗުތަކުން މޮޅުވާން ކަމަށާއި އެއީ ޗެލެންޖެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ރާއްޖެއަށް އައިސްފައި ވާނީ ރަނގަޅު ކުޅުމެއް ދައްކައި، މެޗުން މޮޅުވާން ކަމަށް ވެސް އޭނާ ބުންޏެވެ.

"ރަނަރަޕް ނުވަތަ ފޭވަރިޓުންނަށް ވިޔަސް، އެއީ އަހަރެމެންނަށް އޮންނާނެ ޕްރެޝަރެއް ނޫން. އެ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެ. މާޒިޔާ އިން ވަނީ ފުރަތަމަ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެފައި. މިސީޒަނަށް ރަނގަޅު ކުޅުންތެރިންތަކެއް ވެސް މާޒިޔާ އިން ވަނީ ގެންގޮސްފައި. މާޒިޔާ އިން ވަނީ އިތުރަށް ޓީމު ވަރުގަދަކޮށްފައި،" ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބެންގަލޫރުގެ ކޯޗު ރޮކާ ބުންޏެވެ.

އައި-ލީގުގައި އެންމެ ފަހުން މޯހަން ބަގާންއާ ދެކޮޅަށް 3-0 ލަނޑުން ބަލިވި މެޗުގައި ބެންގަލޫރުން ވަނީ އެޓީމުގެ ބައެއް މުހިންމު ކުޅުންތެރިތަކަކަށް ރެސްޓް ދީފަ އެވެ. އެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރޮކާ ބުނީ، އެ މެޗުގައި ބައެއް މުހިންމު ކުޅުންތެރިންތަކެއް ބޭނުންކޮށްފައި ނުވަނީ އޭއެފްސީ ކަޕްގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ މަގްސަދުގައި ކަމަށެވެ.

"އަހަރެމެން އެންމެ ފަހުން ކުޅުނު މެޗުގައި ބައެއް މުހިންމު ކުޅުންތެރިން ބޭނުންކޮށްފައިނުވަނީ އޭއެފްސީ ކަޕް މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް. އަހަރެމެންގެ ހަތް ކުޅުންތެރިޔަކު ގައުމީ ޓީމަށް ކުޅުނު. އެ ކުޅުންތެރިންނަށް އެއްވެސް ކަހަލަ ރެސްޓެއް ނުލިބޭ. އެހެންވެ އަހަރެމެން ޕްލޭންތައް ބަދަލުކޮށް، މި މެޗަށް ވަރުގަދަ ޓީމު ނެރެމަށް ނިންމިން،" އޭނާ ބުންޏެވެ.

އޭއެފްސީ ކަޕްގައި މާޒިޔާއާއި ބެންގަލޫރު ބައްދަލުކުރާ މެޗު ފެށޭނީ މާދަމާ ހަވީރު 4:00ގަ އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.