03 Apr 2017, 13:24
ކީޓޯ (އޭޕްރިލް 3): އިކުއެޑޯގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ވެރިކަން ކުރާ ޕާޓީގެ ކެނޑިޑޭޓު ކާމިޔާބު ކުރުމާ ގުޅިގެން، އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
އިންތިހާބުގެ 94 ޕަސެންޓު ވޯޓު ގުނާފައިވާ އިރު ވެރިކަން ކުރާ ސޯޝަލިސްޓް ޕާޓީގެ ލެނިން މޮރޭނޯ އަށް ވަނީ 51.07 ޕަސެންޓު ވޯޓު ލިބިފަ އެވެ. އަދި އިދިކޮޅު ގިލެރްމޯ ލާސޯއަށް ލިބިފައި ވަނީ 48.93 ވޯޓެވެ.
ނަމަވެސް ލާސޯ ވަނީ ވޯޓުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ވޯޓު އަލުން ގުނަން ގޮވާލައްވާފަ އެވެ. އަދި އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން މަގުމައްޗަށް ނިކުމެ، 'ސުލްހަވެރިކަމާއެކު ވޯޓު ދިފާއު ކުރުމަށް' ގޮވާލައްވާފަ އެވެ.
މީގެ ކުރިން 2007 ކުން 2013އަށް އިކުއެޑޯގެ ނައިބު ރައީސުކަން ކުރައްވާފައިވާ މޮރޭނޯއަށް 1998 ވަނަ އަހަރު ދިން ބަޑީގެ ހަމަލާއެއްގެ ސަބަބުން އޭނާގެ ދެފައިގެ ވަނީ ވާގި ނެތިފަ އެވެ. އެހެންކަމުން މޮރޭނޯ ރައީސްކަމަށް އިންތިހާބުވެއްޖެ ނަމަ އޭނާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ދުނިޔޭގެ މަދު ލީޑަރުންގެ ތެރޭގައި ހިމެނޭ އެއް ލީޑަރަށެވެ.
އިކުއެޑޯ އިންތިހާބުގެ ރަސްމީ ނަތީޖާ އަދި އިއުލާންކޮށްފައި ނުވި ނަމަވެސް އިންތިހާބު ކާމިޔާބު ކުރާނީ މޮރޭނޯ ކަމަށް ލަފާ ކުރެވުމާ ގުޅިގެން އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީން ހިމާޔަތް ހޯދާފައިވާ ޖޫލިއަން އަސާންޖް ވަނީ އުފާ ފާޅުކޮށްފަ އެވެ.
ސަބަބަކީ މޮރޭނޯއާ ވާދަކުރެއްވި ލާސޯ ވަނީ އޭނާ ވެރިކަމަށް އިންތިހާބުވެއްޖެ ނަމަ އިކުއެޑޯގެ އެމްބަސީން އަސާންޖް ބޭރު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)