03 Apr 2017, 12:32
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތައް ދެއްކެވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ޖަލުން ދެމުން ދިޔަ އިނާޔަތްތައް ކަނޑާލުމަށް ފަހު އަލުން ދޭން ފަށައިފި އެވެ.
މަހުލޫފަށް ޖަލުން ދެމުންދިޔަ އިނާޔާތްތައް ކަނޑާލީ މިދިއަ މަހުގެ 29 ވަނަ ދުވަހު އެވެ. އޭރު ކަރެކްޝަނުން ބުނެފައިވަނީ އިނާޔަތްތައް ކަނޑާލީ އެއް މަސްދުވަހަށް ކަމަށެވެ.
ކަރެކްޝަންގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ މަހުލޫފަށް ކަނޑާލި އިނާޔަތްތައް މިހާރު ދޭން ފަށާފައިވާ ކަމަށެވެ.
އިނާޔަތްތައް މަސްދުވަހަށް ކަނޑާލުމަށްފަހު، މަސްދުވަސް ހަމަނުވަނީސް އިނާޔަތްތައް ދޭން ފެށި ސަބަބާ ބެހޭގޮތުން ސުވާލު ކުރުމުން ލުގުމާން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެއް މަސް ދުވަހަށް ކަނޑާލި އިނާޔަތްތަކަކީ އައިލީ ފޯނު ކޯލާއި އާއިލާއާ ބައްދަލުކުރުމާއި އެކަހެރި ބައްދަލުވުމެވެ. ނަމަވެސް މިއަދުން ފެށިގެން އެ އިނާޔަތްތައް ލިބިގެން ދާނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.
މަހުލޫފު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދިނުމަށް ގޮވާލާފައިވުމާއި އަދި މަސީހުގެ އިތުބާރު ނެތްކަމަށް ގަލޮޅު ދެކުނު ދާއިރާގެ ވޯޓު ބޭނުންވާތީ އޭނާ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް ގޮވާލާފައިފަ އެވެ. އެގޮތަށް ގޮވާލުމަކީ އިނާޔަތްތައް ކަނޑާލުމަށް ދެއްކި ސަބަބު ކަމަށް މަހުލޫފުގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ.