އިންޑިއާގެ ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމަކަށްވިޔަސް، އެޓީމު ދެކެ ބިރު ނުގަންނަ ކަމަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނެފިއެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ދެވަނަ މެޗުގައި މާދަމާ ހަވީރު އަމިއްލަ ފަސްގަނޑުގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗަށް ނުކުންނައިރު، މާޒިޔާ އަދި ބެންގަލޫރު އެފްސީ ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ. ފުރަތަމަ މެޗުގައި ބަނގްލަދޭޝް ޗެމްޕިއަން ދާކާ އަބަހާނީ އަތުން މާޒިޔާ މޮޅުވިއިރު، ބެންގަލޫރު ވަނީ ވާދަވެރި މޯހަން ބަގާން އަތުން މޮޅުވެފައެވެ.

ސެކުލޮވްސްކީ ބުނީ، އެ މެޗަށް ނުކުތުމަށް ތައްޔާރީތައް ވަރަށް ރަނގަޅަށް ގެންދެވުނު ކަމަށާއި މިއަދު އެންމެ ފަހުގެ ފަރިތަކުރުންތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މާދަމާގެ މެޗަށް ނުކުންނައިރު، މާޒިޔާ އޮންނާނީ ފުރިހަމައަށް ތައްޔާރަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"ފާއިތުވެދިޔަ ދުވަސްތަކުގައި ޓްރޭނިންގެ ކަންތައް ދިޔައީ ވަރަށް ރަނގަޅަށް. އެކަމާމެދު ހިތްހަމަޖެހޭ. ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ މެޗަށް އަހަރެމެން ރަނގަޅަށް ތައްޔާރުވުމަށް މަސައްކަތްކުރިން. މިއަދު އެންމެ ފަހުގެ ފަރިތަކުރުންތައް ކުރިއަށްދާނެ. މާދަމާ އަހަރެމެން މެޗަށް ފުރިހަމައަށް ތައްޔާރުވާނަން،" ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ސެކުލޮވްސްކީ ބުންޏެވެ.

ސެކުލޮވްސްކީ ބުނީ، ބެންގަލޫރު އެފްސީގައި ވަރަށް ރަނގަޅު އިންޓަނޭޝަނަލް ކުޅުންތެރިންނާއެކު ރަނގަޅު ކޯޗެއް ވެސް އެބަހުރި ކަމަށާއި އެއީ ވަރަށް ޕްރޮފެޝަނަލް ކްލަބެއް ކަމަށެވެ. އަދި ބެންގަލޫރުއާ އެއް ފެންވަރަށް ދިއުމަށް ކޮންމެ ކްލަބެއް ވެސް ބޭނުންވާނެ ކަމަށް އޭނާ ބުންޏެވެ.

"އެންމެންނަށް ވެސް އެޓީމުގެ ފެންވަރު ރަނގަޅަށް އެނގޭނެ. އަހަރެމެން ޖެހޭނީ އެ މެޗަށް ރަނގަޅަށް ތައްޔާރުވާން. ރަނގަޅު ޓެކްޓިކަލް ކުޅުމެއް ދައްކަންޖެހޭނެ. އަހަރެމެން ޖެހޭނީ އެޓީމުގެ ބަލިކަށި ކަންތައްތަކުގެ ފައިދާ ނަގައި، ރަނގަޅު ނަތީޖާއެއް ނެރެން. އަހަރެން އުންމީދުކުރަނީ އަހަރެންގެ ޓީމުން އެންމެ ރަނގަޅު ކުޅުން ދައްކާނެ ކަމަށް. ޓީމެއްގެ ގޮތުގައި ރަނގަޅު މަސައްކަތެއް ކުރާނެކަމަށް އުންމީދުކުރަން. އަދި ސަޕޯޓަރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދުކުރަން،" އޭނާ ބުންޏެވެ.

އޭއެފްސީ ކަޕްގައި މާޒިޔާއާއި ބެންގަލޫރު ބައްދަލުކުރާ މެޗު ފެށޭނީ މާދަމާ ހަވީރު 4:00ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.