05 Jul 2011, 13:41
ކޮމިޓީތަކުގެ ގޮނޑިތައް ބެހުމުގެ މައްސަލައިގައި ޑީއާރްޕީ އާއި އެމްޑީޕީ އާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުން ހައްލު ނުވެގެން، އިއްޔެ ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދުވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.
ތިން ފަހަރެއްގެ މަތިން އިއްޔެ އެ ޖަލްސާ ބޭއްވުން ފަސްކުރުމަށްފަހު މިއަދު ހެނދުނު 9:00 ޖެހިއިރު ޖަލްސާ ކުރިއަށް ގެންދިއުމަށް ނިންމައިފައި ނުފެށިގެން މެންދުރު 1:00އަށް ފަސްކޮށް ޖަލްސާ ފެށުމާއެކު މަޖލީހުގެ ތަޅުމުގައި މެންބަރުންގެ އަރައިރުން އިތުރުވެގެންދިޔަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު، ޖަލްސާގެ ރިޔާސަތުން މެންބަރުންނަށް އަންގަންޖެހޭ ލިޔުން ވިދާޅުވާން ފެއްޓެވުމުން އެ ލިއުން އަޑު އެއްސެވުމުގެ ބަދަލުގައި މެންބަރުން އަޑުގަދަ ކުރައްވައި ރިޔާސަތަށާއި މެންބަރުން އެއްބަޔަކު އަނެއްބަޔަކަށް ކުރައްވަމުން ގެންދެވި ޒުވާބު ގަދަވެގެންދިޔަ އެވެ. އެހެންކަމުން ރިޔާސަތުން އިއްވަވަމުން ގެންދެވި ލިއުން ވިދާޅުވުމަށް މަޖިލީހުގެ ރައީސަށް ދަތިފުޅުވެގެން، އެ ހާލަތުގައި ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށާއި، އެ ލިއުން މެންބަރުންނަށް ފޮނުއްވާނެ ކަމަށް ވިދާޅުވެ، ޖަލްސާ ނިންމަވައިލެއްވި އެވެ.
ފެށިތާ ހަތަރު މިނިޓްގެ ތެރޭގައި ޖަލްސާ ނިންމަވާލައްވަމުން ޝާހިދު ވިދާޅުވީ ދެން ޖަލްސާއެއް ބާއްވާނެ ދުވަހެއް ކަނޑައަޅުއްވާނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.
އިއްޔެ ފެށި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖައްސާ މިއަދާ ހަމައަށް ދިގު ދެމިގެން ދިޔައީ، ކޮމިޓީތަކުގެ މެންބަރުން ބެހުމުގެ މައްސަލައިގައި، އެމްޑީޕީ އާއި ޑީއާރްޕީއާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުން ހައްލު ނުކުރެވިގެން މަޖިލީހުގެ ތަޅުމުން އެކަމަށް ގޮތެއް ނިންމުމަށް އެ ޖަލްސާއަށް އެޖެންޑާކުރުމުންނެވެ.
އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން އެ މައްސަލަ ޖަލްސާއަށް އެޖެންޑާ ނުކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮމިޓީ ހޮވުމުގައި ކަންތައް ކުރަންވާނީ، ޑީއާރްޕީއަށް މަޖިލީހުގެ މެޖޯރިޓީ އޮތްއިރު ކަންތައް ކުރެއްވި ގޮތަށް ކަމަށް ވެސް އެ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ. އެ މައްސަލައިގައި އިއްޔެ ތަޅުން ހޫނުވެ މެންބަރުންގެ ޒުވާބު ގަދަވެގެން އިއްޔެގެ ޖަލްސާ މެދުކަނޑައިލީ ޖަލްސާ ފެށިތާ ފަސްމިނިޓްގެ ތެރޭގަ އެވެ. އަދި ހިޔާލު ތަފާތުވުން ހައްލު ކުރުމަށްފަހު ޖަލްސާ އަލުން ކުރިއަށް ގެންދިއުމަށް އިއްޔެއިން ފެށިގެން މިއަދާ ހަމައަށް ކުރި މަސައްކަތުން އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެ އެވެ.
މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ބަދަލުވެގެން މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށުމާއެކު ކުރިމަތިވި ކޮމިޓީތަކުގެ ގޮނޑިތައް ބެހުމުގެ މައްސަލައިގައި، މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ. އެކަމުގެ ސަބަބުން އިގްތިސާދާ ގުޅުންހުރި ގިނަ ބިލްތަކެއް ވަނީ މަޖިލީހަށް ހުށަނޭޅިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕާޓީތަކުގެ ނިސްބަތަށް ބަލާ އިރު، އެމްޑީޕީއަށް މަޖިލީހުގެ 45 ޕަސެންޓް ލިބިފައިވާ އިރު ޑީއާރްޕީ/ޕީއޭ ކޯލިޝަން 39 ޕަސެންޓް މިހާރު މަޖިލީހުގައި ލިބިގެންދެ އެވެ. އެ ނިސްބަތުން މަޖިލީހުގެ ކޮންމެ ކޮމެޓީއެއްގެ 11 ގޮނޑީގެ ތެރޭއިން އެމްޑީޕީއަށް ފަސް ގޮނޑި ލިބެ އެވެ. ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް ކޮންމެ ކޮމެޓީއަކުން ހަތަރު ގޮނޑި ލިބޭނެ އެވެ. އަދި ކޮންމެ ކޮމެޓީއެއްގައި ހިމެނޭ ބާކީ ދެ ގޮނޑި ބެހިގެންދަނީ މަޖިލީހުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ގަ އިތުރުން މިނިވަން އަށް މެންބަރުންގެ މައްޗަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދައިފިނަމަ ޑީއާރްޕީ/ޕީއޭ/ޖުމްހޫރީ ކޯލިޝަނަށް ކޮންމެ ކޮމެޓީއަކުން ފަސް ގޮނޑި ލިބޭނެ އެވެ.