03 Apr 2017, 12:19
މ. ލައިޓް ސިގްނަލް ގޭގައި މަރުވެފައި ތިއްބައި ފެނުނު ދެމަފިރިންގެ މަރުގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށް ފުލުހުން ބުނެފި އެވެ.
ނިދާ ނުހޭލައިގެން ވަދެ ބެލި އިރު، ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު މަރުވެފައި ތިއްބައި ފެނިފައި ވަނީ ތ. ވިލުފުށީ، ގާސިމް ޝާހިދު، 47، އަދި ރަޒީނާ އިބްރާހިމް، 42، އެވެ. ހަށިގަނޑުން ސާމްޕަލް ނެގުމަށް ފަހު އެދެމަފިރިން ވަނީ އެއްވަޅެއްގައި ވަޅުލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށްް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ދެމަފިރިންގެ މަރަށް މިހާރު ހަތަރުމަސް ވީ އެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެދެމަފިރިންގެ ހަށިގަނޑުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން އެއީ ގުދުރަތީ މަރެއް ކަމަށް ބެލެވޭ ކަމަށެވެ.
މަރުވި އިރު އެދެމަފިރިންގެ ގްރޭޑް އެކެއްގައި އުޅޭ އަންހެން ކުއްޖަކާއި ގްރޭޑް 10 ކިޔަވާ ކުއްޖެއްގެ އިތުރުން ވަޒީފާ އަދާކުރާ ފިރިހެން ކުއްޖަކު ހުރެ އެވެ. ދޮށީ ފިރިހެން ދަރިފުޅު އުޅެނީ އައިލެންޑް އޭވިއޭޝަންގަ އެވެ. އެ ކުދިންގެ ކަންކަން އެ އާއިލާއިން ދަނީ ބަލަހައްޓަމުންނެވެ.