ވޮޝިންޓަން (އޭޕްރިލް 3): ޗައިނާގެ އެހީއާ ނުލައިވެސް އެމެރިކާ އަށް އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމުގެ މައްސަލަ ހައްލު ކުރެވިދާނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"ޗައިނާ އިން އުތުރު ކޮރެއާގެ މައްސަލަ ހައްލު ނުކުރާ ނަމަ އަޅުގަނޑުމެން އެކަން ހައްލު ކުރާނަން،" އިނގިރޭސިވިލާތުގައި ފައިނޭންޝިއަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

އަދި އެމެރިކާ އިން އެކަނި މަސައްކަތްކޮށްގެން އެ މައްސަލަ ހައްލު ކުރެވޭނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވަނީ އެމެރިކާ އަށް ކާމިޔާބު ލިބޭނެ ކަމުގެ އެއްވެސް ޝައްކެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"ޗައިނާގެ ނުފޫޒު އުތުރު ކޮރެއާގެ މައްޗަށް ވަރަށް ބޮޑަށް އޮވޭ. އަދި އުތުރު ކޮރެއާގެ މައްސަލަ ހައްލު ކުރުމުގައި އެހީތެރިވާނެ ކަމަށް ޗައިނާ އިން ނިންމައިފި ނަމަ އެއީ ޗައިނާއަށް ވަރަށް ރަނގަޅު ގޮތެއް އަދި އެހީތެރި ނުވާން ނިންމައިފި ނަމަ އެކަމުން އެއްވެސް މީހަކަށް ފައިދާއެއް ނުވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން އިތުރު ތަފްސީލު ދެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ.

ރައީސް ޓްރަމްޕް އެފަދައިން ވިދާޅުވެފައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިހަފްތާ ތެރޭގައި އެމެރިކާ އަށް ވަޑައިގަންނަވަން ހަމަޖައްސަވާފައި ވަނިކޮށެވެ. އަދި ރައީސް ޝީއާ އެކު ރައީސް ޓްރަމްޕް ބާއްވަވާ ބައްދަލުވުމުގައި ޗައިނާ އިން އުތުރު ކޮރެއާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕްރެޝަރު ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މީގެ ކުރިން އެމެރިކާއިން ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމުގެ ނުރައްކާ ވަކި މިންވަރަކަށް ވުރެ ބޮޑަށް އިތުރުވެއްޖެ ނަމަ އެގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ.

ބައިނަލްއަގުވާމީ މަސްރަހުގައި އުތުރު ކޮރެއާއަށް ވާގިވެރިވާ ހަމައެކަނި ގައުމުކަމަށްވާ ޗައިނާއިން ވަނީ އުތުރު ކޮރެއާއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޓެސްޓު ކުރި މިސައިލްތަކާ ގުޅިގެން އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ.

އެގޮތުން އުތުރު ކޮރެއާއިން ޗައިނާ އަށް ކޯލް އެތެރެ ކުރުން އޮތީ މިދިޔަ އަހަރު ނިމެންދެން މަނާކޮށްފަ އެވެ.

ަކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ޗައިނާ އިން އުތުރު ކޮރެއާއަށް އެއްބާރުލުން ދެނީ އުތުރު ކޮރެއާގައި އޮތް ސަރުކާރު ވެއްޓި، އެމެރިކާގެ އަސްކަރީ ބޭސްތައް ހަދާފައިވާ ދެކުނު ކޮރެއާއާ އެގައުމު ގުޅިދާނެތީ އެވެ. އަދި އުތުރު ކޮރެއާގެ ސަރުކާރު ބަލިކަށިވެއްޖެ ނަމަ އެގައުމުގެ އެތައް މިލިއަން ރެފިއުޖީން ޗައިނާއަށް ދިޔުމުގެ ބިރު އޮތުމުން ކަމަށް ވެސްވެ އެވެ. (ބީބީސީ)