ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި ކުޅަދާނަ އެކްޓަރު އަލީ ސީޒަން ދަނީ އަވަށްޓެރި ސްރީ ލަންކާގައި ދެ އަހަރު ދުވަހުގެ ފިލްމު މޭކިިން ކޯހެއް ހަދަމުންނެވެ. އޭނާ އަކީ ކުރިއަރަމުން އަންނަ ޑައިރެކްޓަރެކެވެ. އަނެއްކާވެސް އޭނާ ވަނީ ލަންކާގެ ކާސްޓުން ބޭނުން ކޮށްގެން ލޯބީގެ ބިރުވެރި ފިލްމެއްގެ މަސައްކަތް ފަށާފައެވެ.

ގިނަ ވީޑިއޯ ލަވަތަކުން ފެނިގެން ގޮސްފައިވާ ސީޒަންގެ ހުނަރު މިފަހަރު ފެނިގެންދިޔައީ ސިންހަޅަ ބަހުން ކިޔާފައިވާ ލަވައަކުންނެވެ. އެ ލަވައިން ދެން ފެންނަނީ ލަންކާގެ ބަތަލާއެއް ކަމަށްވާ ޓީނާ އެވެ.

އަލީ ސީޒަންއާއި އަބްދުލް ހަންނާނުގެ މަސައްކަތްތައް ފެނިގެންދާ ސިންހަޅަ ލަވައިގެ މަންޒަރެއްގެ ތެރެއިން---

ލޯބީގެ ވާހަކަތަކެއް ކިޔައިދޭ މި ލަވަ ކިޔާފައިވަނީ ލަންކާ މީހެއް ނޫނެވެ. އެ ލަަވަ ކިޔަނީ ދިވެހިންނަށް މީގެ ކުރިން އެތަކެއް ރީތި ލަވަތަކެއް ގެނެސްދީފައިވާ އަބްދުލް ހަންނާން މޫސާދީދީ އެވެ.

ސިންހަޅަ ބަހުން ކިޔާފައިވާ އެ ލަވަ ވަރަށް ހިތްގައިމެވެ. އެ ލަވަ މިހާރު ޔޫޓިއުބް ގައި އާންމުކޮށްފައި ވާއިރުު ދިވެހިންގެ ތެރެއިން ގިނަ ބަޔަކުވެސް އަންނަނީ ލަވަ ބަލަމުންނެވެ.

ލަވައިން ފެންނަ ބަތަލާ ފިޔަވައި ދެން މުޅިންވެސް ލަވައިން ފެންނަނީ ދިވެހިންގެ މަސައްކަތެެވެ.

އަލީ ސީޒަންއާއި އަބްދުލް ހަންނާނުގެ މަސައްކަތްތައް ފެނިގެންދާ ސިންހަޅަ ލަވައިގެ މަންޒަރެއްގެ ތެރެއިން----

އެ ހިތްގައިމު ލަވަ ޑައިރެކްޓްކޮށް ލަވައިގެ މޭކަޕް ހަދާފައި ވަނީ ހަންނާންގެ އަންހެނުން ފީރޯޒް އައިސްތު އެވެ. އޭނާއަކީ ވެސް ޑައިރެކްޝަނަށް އާ މީހެއް ނޫނެވެ. އައިސްތު މީގެ ކުރިން ވަނީ "ކުށްވެރިޔަކީ ކާކުހޭ" ގެ ނަމުގައި ލަންކާގައި ފިލްމެއް ވެސް ޑައިރެކްޓްކޮށްފަ އެވެ.

ލަވައިގެ ކެމެރާ ކޮށްފައި ވަނީ ކުޅަދާނަ ކެމެރާމަން އަލީ ރަޝީދު (ގޮޅާ) އެވެ.

އަލީ ސީޒަންގެ ސިންހަޅަ ލަވަ---

ލަންކާގައި އުޅެމުން ސީޒަން ވަނީ ދާދިފަހުން ރާއްޖެ އައިސް ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ ކޮމެޑީ ފިލްމު "ނޯޓީ 40" ގެ މަަސައްކަތުގައިވެސް ބައިވެރިވެފައެވެ.