ބާސެލޯނާއަށް ބްރެޒިލް ތަރި ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ގޯލަށް ފަހު އެކްލަބުގެ ކުޅުންތެރިންނަށް އޭނާ ޝުކުރު އަދާކޮށްފި އެވެ.

އުމުރުން 25 އަހަރުގެ ނޭމާ، ބާސާއަށް ކާމިޔާބުކޮށްދިން 100 ވަނަ ގޯލު ފެނިގެންދިޔައީ އިއްޔެ ގްރެނާޑާއާ ދެކޮޅަށް ކުޅެ، 4-1 ލަނޑުން ބާސާ މޮޅުވި މެޗުގަ އެވެ. އޭނާ ވަނީ މިހާތަނަށް ބާސާއާ އެކު 177 މެޗު ކުޅެފަ އެވެ.

"ސަތޭކަ ގޯލު ކާމިޔާބުކުރެވުމުން އަހަރެން ވަރަށް އުފާކުރަން. އަހަރެން ބޭނުންވަނީ އަހަރެންނަށް އެހީތެރިކަން ފޯރުކޮށްދިން ޓީމުގެ ކުޅުންތެރިންނަށް މި ކާމިޔާބީ ހަދިޔާކުރަން. މެޗުން މޮޅުވުމުން އެކަމާ މެދު އަހަރެން ވަރަށް އުފާކުރަން. އެންމެ މުހިންމު ކަމަކީ ވެސް މެޗުން މޮޅުވުން،" ނޭމާ ބުންޏެވެ.

ނޭމާ ބުނީ، ބާސާގެ ހުރިހާ ކުޅުންތެރިންނަކީ އޭނާ އަށް ވަރަށް މުހިންމު ބައެއް ކަމަށާއި ބާސާއާ އެކު އިތުރު ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

ބްރެޒިލްގެ ސަންޓޯސް އިން 2013 ވަނަ އަހަރު ބާސާއާ ގުޅުނު ނޭމާ މިހާރު ވެފައި ވަނީ ބާސާއަށް 100 ގޯލު ހަމަކުރި ތިންވަނަ ބްރެޒިލްގެ ކުޅުންތެރިޔާއަށެވެ. ބްރެޒިލް ލެޖެންޑް ރިވާލްޑޯ އަދި އެވަރިސްޓޯ ވެސް ވަނީ އެ ކްލަބަށް 100އަށްވުރެ ގިނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.