މަކަރާއި މަކަރާއި ހީލަތުން ފައިސާތަކެއް ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލާގައި ހޯދަމުންދަނީ ކަލާ ބޭންކް ފިހާރައަކުން އޮޅުވާލައިގެން ފައިސާތަކެއް އަތުލި މީހެކެވެ.

ފުލުހުން އާއްމު ކޮށްފައިވާ ދެ މިނެޓާއި 26 ސިކުންތުގެ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި، ފުލުހުން ހޯދަމުންދާ މީހާ ފޯނުން މީހަކާ ވާހަކަ ދެއްކުމަށް ފަހު، ފިހާރައިގެ ކައުންޓަރުގައި އިންނަ ކޭޝިއަރުގެ އަތަށް ފޯނު ދެއެވެ.

އެ ފޯނަށް ޖަވާބު ދާރީވެ، އަނބުރާ ފޯނު ދިނުމަށް ފަހު ފިހާރައިގެ ފައިސާ ވަތްގަނޑުން ކޭޝިއަރު ފައިސާތަކެއް ނަގަ އެވެ. އޭރު ފުލުހުން ހޯދަމުންދާ މީހާ އާއި ފިހާރައިގެ ކޭޝިއަރު ވެސް ހުރީ ފޯނުން މީހަކާ ވާހަކަ ދައްކާށެވެ.

އެއަށް ފަހު ފުލުހުން ހޯދަމުންދާ މީހާގެ އަތަށް ކޭޝިއަރު ފައިސާތަކެއް ދިނުމުން، އޭނާ އަވަހަށް ފިހާރައިގެން ނުކުންނަތަން ވީޑިއޯއަށް ފެނެ އެވެ.

ފުލުހުން ބުނީ، އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3321111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.