03 Apr 2017, 09:30
ވޮޝިންޓަން (އެޕްރީލް 3) : މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ވައިޓް ހައުސްގައި މިއަދު ބައްދަލުކުރައްވާނެ އެވެ.
ވައިޓް ހައުސް ބުނާގޮތުން ސީސީއާއި ޓްރަމްޕް ކުރައްވާ މަޝްވަރާތަކުގެ ތެރޭގައި އެމެރިކާ އާއި މިސްރުގެ ގުޅުންތައް ބަދަހިކުރުމާ ބެހޭ ގޮތުންނާއި އެމެރިކާ އިން މިސްރަށްދޭ އަސްކަރީ އެހީގެ ކަންތައްތަކުގެ އިތުރުން ފަލަސްތީނުގެ މައްސަލައާއި މެދުއިރުމަތީގައި އިތުރުވަމުންދާ އީރާނުގެ ބާރާއި ނުފޫޒާ ކުރިމަތިލުމާބެހޭ މަޝްވަރާތައް ހިމެނެ އެވެ. މީގެ އިތުރުން ޓެރަރިޒަމާ ހަނގުރާމަކުރުމާއި އިރާގު، ސޫރިޔާ، ލިބިޔާ އަދި ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކާ ބެހޭ ގޮތުން ވެސް ސީސީއާއި ތްރަމްޕް މަޝްވަރާ ކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ބުނެ އެވެ.
މިސްރުގައި ކުރީގައި އޮތް ދިމުގްރާތީ ސަރުކާރު ސީސީގެ ކޮނާމްޑްގެ ދަށުން އަސްކަރީ އިންގިލާބެއްގައި ވައްޓާލުމަށް ފަހު ސީސީ ވެރިކަމަށް ވަޑައިގެންނެވުމުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރާއި މިސްރާ ދެމެދު ގުޅުންތައް ނުތަނަވަސްވެގެން ދިޔަ އެވެ. ނަމަވެސް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުމާ އެކު މިގުޅުންތައް ވަނީ ރަނގަނޅުވާން ފަށައިފަ އެވެ.
ސީސީ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާރުވަނީ އެމެރިކާގެ އިސް ބައެއް މަސްއޫލުވެރިންނާ އަދި އެމެރިކާގެ ބޮޑެތި ބައެއް ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. މިމަޝްވަރާތައް ބިނާކުރެއްވީ އެމެރިކާގެ އިންވެސްޓްމަންޓްތައް މިސްރަށް ހޯދުމާބެހޭ ގޮތުން ކަމަށް ޚަބަރުތައް ބުނެ އެވެ.
މީގެ އިތުރުން ސީސީ ވަނީ ވޯލްޑް ބޭންކުގެ ރައީސް ޖިމް ޔުންގް ކިމް އާ ވެސް ބައްދަލުކުރައްވާފަ އެވެ. މިސްރު އިގްތިސާދީ ބައެއް މަޝްރޫޢުތައް ހިންގުމަށް ޓަކައި ވޯލްޑް ބޭންކުން ދާދިފަހުން ވަނީ ތިން ބިލިޔަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް "އައިއެމްއެފް" އިން ވަނީ މިސްރުގެ ބަޖެޓް ދެކޮޅު ޖެއްސުމަށް ޓަކައި 12 ބިލިޔަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައި އޭގެ ތިންބައިކުޅަ އެއްބައި ފައިސާ މިސްރުގެ މަރުކަޒީ ބޭންކާ ހަވާލުކޮށްފަ އެވެ.
ވޯލްޑް ބޭންކާއި "އައިއެމްއެފް" އަކީ އެމެރިކާގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް ހިނގާ މާލީ ދެ މުއައްސަސާއެވެ. ނަވާރަސަތޭކަ ހަތްދިހަ ނުވައެއްގައި މިސްރުން އިސްރާއީލާ އެކު ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރުމުން އެމެރިކާ ގެންދަނީ އަހަރެއްގެ މައްޗަށް މިސްރަށް ތިން ބިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ދެމުންނެވެ. މީގެ ތެރެއިން ތިން ބައިކުޅަ ދެބައި އަކީ ހަތިޔާރާއި ތަމްރީނުގެ ގޮތުގައި މިސްރު ސިފައިންނަށްދޭ އަސްކަރީ އެހީ އެވެ. (އަނަތޯލިޔާ)