03 Apr 2017, 09:14
ފުރަތަމަ ފަހަރަށް ބޮލީވުޑުގެ މެގަސްޓާ އަމީތާބު ބައްޗަން އާއި ބޮކްސް އޮފީހުގެ ރަސްގެފާނު ކަމުގައި ވެގެން ގޮސްފައިވާ އާމިރު ޚާން އެކުގައި ފެނިގެންދާ ފިލްމު، ތަގްސް އޮފް ހިންދުސްތާންގެ އަންހެން ލީޑުގެ ގޮތުގައި ޒުވާން ހުނަރުވެރި ބަތަލާ އާލިއާ ބަޓް ފެނުން ގާތް ކަމަށް ޚަބަރުތައް ބުނެފި އެވެ.
މީގެ ކުރިން ޚަބަރުތައް ބުނެފައި ވަނީ، ފިލްމުގެ އަންހެން ލީޑުގެ ގޮތުގައި ފެނިގެން ދާނީ މިދިޔަ އަހަރު ރިލީޒް ކުރި ބްލޮކްބަސްޓަރ ފިލްމު 'ދަންގަލް'ގެ ބަތަލާ ފާތިމާ ސަނާ ޝެއިޚް ކަމަށެވެ. ނަމަވެސް ފާތިމާ ވަނީ އެކަން ދޮގުކޮށްފަ އެވެ.
މިހާރު ޚަބަރުތައް ބުނާގޮތުން، އާމިރު އެންމެ ބޮޑަށް ބޭނުން ވަނީ އެ ރޯލު އާލިއާ އަށް ދިނުމަށެވެ. އާލިއާ އަކީ މިހާރު ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކުޅަދާނަ ބަތަލާ ކަމަށް އާމިރު ގަބޫލު ކުރެ އެވެ.
"އާމިރު ބޭނުން ވަނީ އާލިއާ ކާސްޓު ކުރަން. އެއީ އާލިއާ އަކީ އޭނާގެ ޖެނެރޭޝަންގައި ދެން ތިބި އެހެން އެކްޓަރުންނަށް ވުރެ ހުނަރުވެރި، އަދި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އެކްޓަރެއް ކަމަށް އާމިރު ގަބޫލު ކުރޭ. ނަމަވެސް އަދި އެއްވެސް ކަމެއް ފައިނަލް ވެފައެއް ނުވޭ،" ޔަޝް ރާޖް ފިލްމްސް އަށް ނިސްބަތްވާ ފަރާތަކުން ބުނެފައިވެ އެވެ.
މިހާތަނަށް އާލިއާ ޔަޝް ރާޖް ފިލްމްސް އާއެކު މަސައްކަތް ކޮށްފައެއް ނުވެ އެވެ. އެހެންކަމުން ތަގްސް އޮފް ހިންދުސްތާން އަށް އާލިއާ ހަމަޖައްސައިފި ނަމަ، އެ ފިލްމު ވެގެންދާނީ ޔަޝް ރާޖް ފިލްމްސް އާއެކު އޭނާ ކުރާ ފުރަތަމަ މަސައްކަތަށެވެ.
ފިލްމުން ފެނިގެން ދާނެ ކަމަށް ދެން ބެލެވޭ އެކްޓަރުންނަކީ ވާނީ ކަޕޫރު އަދި ޝްރައްދާ ކަޕޫރު އެވެ.
މިވަގުތު އެކްޓިން އިން ކުޑަ ބްރޭކެއް ނަގައިގެން ހުރި އާލިއާ ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ، ރަންބީރު ކަޕޫރު އާ އެކު، އަޔާން މުކަރްޖީގެ ފިލްމު 'ޑްރެގަން'ގެ އެވެ.
'ތަގްސް އޮފް ހިންދުސްތާން' އަކީ ޔަޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސް ކުރާ އަދި 'ދޫމް 3'ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިޔާ ޑައިރެކްޓު ކުރާ ފިލްމެކެވެ. ވިޖޭ އަދި އާމިރު ވަނީ 'ދޫމް 3'ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.
އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ދިވާލީގަ އެވެ.