ސޮނީ ޓީވީ އިން ގެނެސްދޭ ލަވަކިޔުމުގެ މުބާރާޔް، އިންޑިއަން އައިޑޮލްގެ ނުވަ ވަނަ ސީޒަންގެ އެއްވަނަ އެލްވީ ރޭވާންތު ހޯދައިފި އެވެ.

ރޭވާންތު އިންޑިއަން އައިޑޮލްގެ ޓައިޓްލް ކާމިޔާބު ކުރީ ޚުދާ ބަކްޝް އަދި ޕީވީއެންއެސް ރޯހިތު އާއި ވާދަކޮށް، ޖަޖުންގެ މާކްސް އަދި ރައްޔިތުންގެ ވޯޓުން އެންމެ މަތިން ހޯދައިގެންނެވެ.

ރޭ ކުރިއަށް ދިޔަ ފިނާލޭގައި އެންމެ ފަހުގެ އިންޑިއަން އައިޑޮލްގެ ގޮތުގައި ރޭވާންތުގެ ނަން އިއުލާން ކޮށްފައި ވަނީ ކްރިކެޓް ލެޖެންޑު ސަޗިން ޓެންޑޫލްކަރު އެވެ.

ޓްރޮފީގެ އިތުރުން ރޭވާންތު އަށް ވަނީ 25 ލައްކަ ރުޕީޒް އާއި، މަހިންދުރަ ކޭޔޫވީ 100 ކާރެއްގެ އިތުރުން ސޮނީ މިޔުޒިކް އާއެކު ލަވަކިޔުމުގެ ކޮންޓްރެކްޓެއް ލިބިފަ އެވެ.

އަންދުރަޕްރަދޭޝް އަށް އުފަން އެލްވީ ރޭވާންތު އަކީ ސައުތު އިންޑިއަން ލަވަކިޔުންތެރި އެކެވެ. ނަމަވެސް އޭނާ އަށް ރަނގަޅަށް ހިންދީ ބަހުން ވާހަކަ ދައްކާކަށް ނޭނގެ އެވެ. އެހެންކަމުން އޭނާ މިހާރު ބޭނުން ވަނީ ހިންދީ ބަސް ދަސްކޮށް، ބޮލީވުޑުގައި ލަވަކިޔުމުގެ ދާއިރާ އިން ކުރިއަށް ދިއުމަށެވެ.

ތެލުގޫ ފިލްމީ ދާއިރާގައި ރޭވާންތު އަކީ ފާހަގަ ކޮށްލެވޭ ލަވަކިޔުންތެރިއެކެވެ. އޭނާ ވަނީ ކާމިޔާބު ލަވަތަކެއް ކިޔައިދީފަ އެވެ. ނަމަވެސް ހިންދީ ނޭނގުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އޭނާ އަށް މަލާމާތް ކޮށްފަ އެވެ.