މާލެ ސިޓީގެ މައްޗަންގޯޅި ދެކުނު ދާއިރާ ތަމްސީލް ކުރައްވާ ޕީޕީއެމްގެ ކައުންސިލަރު އިބްރާހިމް މަމްނޫން ކުރީގެ ރައީސް އަދި ޕީޕީއެމް އިން ވަކިކޮށްފައިވާ މައުމޫން އާއި އޭނާގެ ޓީމާ އެކު މަސަތްކަތްފުޅު ކުރައްވަން ނިންމައިފި އެވެ.

ޕީޕީއެމްގެ އޮފީސް ކުރިން ހިންގި ހ. ތެމާ ކުރިމަތީގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން މަމްނޫން ވިދާޅުވީ ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ވަކިކުރުމަށް ކައުންސިލްގައި ނެގި ވޯޓްގައި އޭނާ ވޯޓް ދިނީ މަޖުބޫރީ ހާލެއްގައި ހުރެގެން ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

"ދަރުބާރު ފެކްޝަނުން އަސާސީ ގަވާއިދާ ޚިލާފަށް ބާއްވާ ކައުންސިލަށް، ޕީޕީއެމްގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހަޅާފައި ވަނީ ވެސް ގަވާއިދާ ހިލާފަށް. ކައުންސިލްގައި ތިއްބެވި ބައެއް މެމްބަރުން ވެސް އެކަން ފާހަގަކުރެއްވި،" މަމްނޫން ވިދާޅުވި އެވެ.

މަމްނޫން ވިދާޅުވީ އޭނާގެ އިތުރުން ޕީޕީއެމްގެ ގިނަ މެމްބަރުން އަދި ވެސް ގަބޫލު ކުރަނީ އެ ޕާޓީގެ ރައީސަކީ މައުމޫނު ކަމަށެވެ.

"ޕާޓީގެ އަސާސީ ގަވާއިދުގެ 57 ވަނަ މައްދާ (ނ)ގައި ވަނީ ޕީޕީއެމްގެ މުސްތަޝާރު އަކީ ޕާޓީގެ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫންކަމަށް،" މަމްނޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދާއިރާގެ ގިނަ ރައްޔިތުން ވެސް ތިބީ ރައީސް މައުމޫންގެ ފަހަތްޕުޅުގައި ކަމަށާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން ގައުމު އިސްލާހުގެ މަގަށް އެޅުވުމަށް ރައީސް މައުމޫން ފައްޓަވާފައިވާ މަސަތްކަތްޕުޅަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.